ޒިޔާދާއަށް ފަހު ނިޝާމާ، ދެން ކާކު؟

ފިރިމީހާގެ އަނިޔާތަކުގެ ސަބަބުން މަރުވި، ޒިޔާދާ އާއި އިއްޔެ މަރުވި ނިޝާމާ --- ސަން ގްރެފިކްސް

މީގެ ހަތް އަހަރު ކުރިއެވެ. ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމް މަރުވީ ފުލުހުން ތުހުމަތު ކުރިގޮތުގައި ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކުގެ ސަބަބުންނެވެ. އޭރު އެންމެން ވެސް އެ ވާހަކަ ދެއްކީ އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށް އެދިއެވެ. ނަމަވެސް އޭގެ ހަތް އަހަރު ފަހުން ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު، 28، އިއްޔެ މަރުވެފައި ވަނިކޮށް ފެނުނުއިރު ގާތިލު ކަމަށް ތުހުމަތު ކުރެވެނީ ފިރިމީހާއަށެވެ. ބެލެވޭގޮތުގައި އަނެއްކާވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވެ ދިވެހި ޒުވާނަކު މަރުވީއެވެ.

ޒިޔާދާގެ މަރަކީ ވެސް ރާއްޖޭގެ ނިޒާމުގައި ހުރި އެތައް މައްސަލައެއް ފާހަގަ ކުރެވުނު ހާދިސާއެކެވެ. ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކޮށް ފުލުހުން ތުހުމަތުކުރީ، ޒިޔާދާ މަރުވީ އޭނާގެ ފިރިމީހާ، ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހު ދިން ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށެވެ. އެ މައްސަލައިގައި ޝާހުގެ މައްޗަށް ޕީޖީއިން ވަނީ ހަތަރު ދައުވާއެއް އުފުލައިފައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

އޭގެ ތެރެއިން މައްސަލައެއް ސާބިތުވެ ޝާހު ތިން އަހަރަށް ޖަލަށް ލާން ހުކުމް ކުރިއެވެ. ނަމަވެސް ތަހުގީގުގެ މުއްދަތުގައި ހުކުމަށް ވާވަރަށް ޖަލުގައި ހުރުމުން ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާ މިނިވަންވިއެވެ. އަދި ޝާހު ވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެފައެވެ.

ދައްކަން ނުކެރިފައި ތިބި ގެވެށި އަނިޔާގެ ވާހަކަތައް ޒިޔާދާގެ މަރާއެކު ފެންމަތިވިއެވެ. އަނިޔާއަށް ކެތްކޮށްގެން ތިބި އެތައް ބަޔަކަށް އިންސާފު ހޯދަން ތެދުވުމުގެ ހިތްވަރު ލިބުނެވެ. ނަމަވެސް އަދިވެސް އެ މައްސަލަ ހައްލު ނުވާ ކަމުގެ ހެއްކަކީ ގެވެށި އަނިޔާގައި އިއްޔެ ނިޝާމާ މަރުވުމެވެ.

އެ މަރާ ގުޅިގެން ނިޝާމާގެ އާއިލާއަށް ގުޅާލުމުން ފުރަތަމަ ވެސް ބުނީ އެއީ އޭނާގެ ފިރިމީހާ އދ. ފެންފުށީ، ފައިސަލް އަބޫބަކުރު ކުރިކަމެއް ކަމަށެވެ. ނިޝާމާ އުޅެމުންދިޔަ ހާލު އާއިލާއަށް އޮތީ އެނގިފައެވެ. މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ފައިސަލްގެ ފަރާތުން އޭނާގެ ކުޑަ ތިން ކުދިންގެ މަންމަ، ނިޝާމާއަށް މީގެ އަހަރުތަކެއް ކުރިންސުރެއް އަނިޔާ ލިބެމުންދާކަން އާއިލާއަށް އެނގެއެވެ. އަނިޔާގެ ތެރޭގައި ނިޝާމާ އުޅެމުން ދިޔަކަމަކީ އާއިލާއަށް ސިއްރެއް ނޫނެވެ. ނަމަވެސް ފިޔަވަޅެއް ނޭޅުނެވެ. ނަތީޖާއަކަށް ވީ ހަތް އަހަރުން ދަށުގެ ތިން ކުދިންގެ މަންމަ ދުނިޔެ ދޫކުރަން ޖެހުމެވެ.

މަރުވި ނިޝާމާ މުޙައްމަދާއި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް -- ފޮޓޯ/ ފޭސްބުކް

ގާތިލު ކަމަށް ބޮޑު ތުހުމަތު ކުރެވޭ ނިޝާމާގެ ފިރިމީހާ ފައިސަލް، އަންހެނުންގެ މަރަށް ފަހު ފިލައިގެން ދިޔައީ ހދ. ކުޅުދުއްފުއްޓަށެވެ. ފަހުން އޭނާ ވަނީ އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފައެވެ. މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން މި މަރުގެ ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ނިޝާމާގެ އާއިލާއިން ފައިސަލްއަށް ތުހުމަތު ކުރަނީ އެ އާއިލާއަށް މީގެ ކުރިން ވެސް ގިނަ ކަންތައްތަކެއް ފެނިފައި ހުރުމުންނެވެ.

ގެވެށި އަނިޔާއަކީ ރާއްޖޭގެ އާއިލާތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ފިރިހެނުން ވެސް މިކަމުގެ ޝިކާރައަކަށް ވާއިރު ބޮޑަށް އެ އަނިޔާ ތަޖުރިބާ ކުރަން ޖެހެނީ އަންހެނުންނަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިދިޔަ އަހަރު ބުނިގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކު ގެވެށި އަނިޔާގެ ޝިކާރައަކަށް ވެއެވެ. މިއީ ބިރުވެރި، އަދި ނުރައްކާތެރި ވާހަކައެކެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާއަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައިވެއެވެ. އެގޮތުން އެއީ ހަމައެކަނި ޖިސްމާނީގޮތުން ދޭ އަނިޔާ ނޫން ކަމާއި ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ދޭ އަނިޔާގެ އިތުރުން ބިރުދެއްކުން ފަދަ ކަންކަން އަނިޔާގެ ތެރޭގައި ހިމެނެއެވެ. އަދި އެފަދަ ކުށްކުރާ މީހުންނާ މެދު ހަރުކަށި އަދަބު ދިނުމަށް ގާނުގައި ހިމަނާފައިވެއެވެ. އަދި އަނިޔާ ލިބޭ މީހާއަށް ރައްކާތެރިކަން ލިބޭނެ ގޮތްތައް ވެސް ގާނޫނުގައި ބުނެދެއެވެ. ނަމަވެސް ހިތާމައަކީ މައްސަލަ ހުށަނޭޅޭތީއެވެ.

ތަކުރާރުކޮށް އަނިޔާ ލިބުނުއިރު ވެސް ހުށަނާޅާ

ނިޝާމާއަށް ގެވެށި އަނިޔާ ލިބެމުންދާކަން އެއާއިލާގެ މެމްބަރުންގެ ވާހަކަތަކުން ޔަގީންވާއިރު ސުވާލަކީ އެކަމަށް ފިޔަވަޅެއް ނޭޅިއޮތީ ކީއްވެގެންތޯއެވެ؟

ގެވެށި އަނިޔާ ތަކުރާރުކޮށް މީގެ ކުރިން ވެސް ނިޝާމާއަށް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އިބްރާހީމް ތޮއްޔިބު ވިދާޅުވީ އޭގެން އެއްވެސް މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ވެސް އަދި އެ އޮތޯރިޓީއަށް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. ނިޝާމާއަށް މީގެ ކުރިން ވެސް އަނިޔާތައް ލިބިފައިވާ ކަމަށް އޭނާ ދިރިއުޅުނު ރަށެއްގެ ކައުންސިލުން ބުނާއިރު އެ މައްސަލަ ހުށަނާޅާ އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

"ތުންތުން މަތިން އަޑުއިވުނު ނަމަވެސް މީހަކު އައިސް މައްސަލައެއް ހުށަނާޅާ ހިނދަކު އިސްނަގައިގެން އެ މައްސަލަ ބެލުމުގެ ރޫހު ކުޑަކަން އަޅުގަނޑަށް ފާހަގަ ކުރެވޭ މިހާދިސާގައި މި ދެކެވިފައި ހުރި ވާހަކަތަކުން ވެސް. ތުންތުން މަތިން ދެކެވޭ ހިސާބުން ވެސް މިފަދަ މައްސަލަތައް ބަލައި ހުއްޓުވުމުގެ ޒިންމާ އަދާކުރަން އެބަ ޖެހޭ،" ތޮއްޔިބު ވިދާޅުވިއެވެ.

އަނބިމީހާ މަރާލިކަމަށް ތުހުމަތު ކުރެވޭ ފައިސަލް-- ފޮޓޯ: ސޯޝަލް މީޑިއާ

ދެހާސް ބާރައިން ފެށިގެން މިހާތަނަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރެވޭ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ތޮއްޔިބު ވިދާޅުވިގޮތުގައި ގެވެށި އަނިޔާގެ އަމަލުތައް އަދިވެސް ރާއްޖޭގައި ވަރަށް ގިނައިން އެބަ ހިނގައެވެ.

"ގެވެށި އަނިޔާ އަދިވެސް ވަރަށް ބޮޑަށް މާނަ ކުރެވެނީ ޖިސްމާނީ އަނިޔާގެ ގޮތުގައި،" ތޮއްޔިބު ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ އަމަލުތައް ހިނގާ މިންވަރާ އަޅާބާއިރު ރިޕޯޓް ކުރާ މިންވަރު ރަނގަޅު ކަމަކަށް ނުފެނެއެވެ. އަނިޔާގެ ތެރެއިން މަރުވާ ހިސާބަށް ދަނީ އޭގެ ސަބަބުންނެވެ. ދަރިންގެ ހައްގުގައި ކަމަށް ބުނެ އަނިޔާއަށް ކެތް ކުރުން ވަރަށް އިތުރެވެ. އަދި މައްސަލަ ހުށަހެޅުމަށް ފަހު އަލުން ނެގުން ވެސް އިތުރެވެ. މީގެ ސަބަބުން އަނިޔާގެ ތެރޭގައި އުޅެން ޖެހި ހާލަތު އިތުރަށް ގޯސްވާ ހިސާބަށް ދެއެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ރިޕޯޓް ކުރަންޖެހެއެވެ. ރައްކާތެރިކަން ލިބޭނީ އޭރުންނެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަނިޔާ ލިބޭ މީހާ ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. އަދި އެކަން ތަންފީޒު ވެސް ކުރެއެވެ.

ގެވެށި އަނިޔާ ކުރާ މީހާއަށް އަދަބު ނުލިބުމާއެކު މުޖުތަމައުއަށް ދޫވެފައި ހުރުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ތޮއްޔިބު ވިދާޅުވިގޮތުގައި އަނިޔާ ކުރާ މީހާ ދެވަނަ ފަހަރަށް އަނިޔާ ނުކުރާނެކަން ޔަގީން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ. އެގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަނިޔާ ކުރާ އެންމެން ފޮނުވާނީ ރިހިބިލިޓޭޓް ކުރަން ނޫން ކަމަށާއި ބޮޑެތި އަނިޔާގެ އަމަލުތައް ހިންގާ މީހުންނާ މެދު ޖިނާއީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ ހަތް އަހަރު ކުރިން ޒިޔާދާ މަރުވީ ވަރަށް އަނިޔާ ތަޖުރިބާ ކުރުމަށް ފަހުގައެވެ. އަނެއްކާ ވެސް ގެވެށި އަނިޔާ ކަމަށް ތުހުމަތު ކުރެވޭ މަރެއް މިވަނީ ހިނގާފައެވެ. އެކަން ހިނގާކަން އެނގި، ފިޔަވަޅު ނޭޅި ތިއްބައި ފުރާނަ ގެއްލޭ ހިސާބަށް ދަނީއެވެ. އަނިޔާގެ އަމަލެއް ހިނގާ ނަމަ ލަސްނުކޮށް ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް