ހުޅުމާލޭގައި ފްލެޓުގެ މަސައްކަތް ކުރާ މުވައްޒަފުން ކުރި އިހުތިޖާޖު ހުއްޓާލައި އެނބުރި މަސައްކަތަށް

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ މަސައްކަތް ކުރާ އިންޑިއާގެ ކުންފުނި، ޖޭއެމްސީ ޕްރޮޖެކްޓްސްގެ މުވައްޒަފުން ކުރި އިހުތިޖާޖު ހުއްޓާލާ، އަނބުރާ މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށް އެފްޑީސީން މިއަދު ބުނެފިއެވެ.

ޖޭއެމްސީގެ މުވައްޒަފުން އިހުތިޖާޖު ކޮށްފައިވަނީ ދެ މަހުގެ މުސާރަ ނުދިނުމުން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެކަން ދޮގުކޮށް އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޝަން އެފެއާޒް މެނޭޖަރު އަޙްމަދު ޝަމޫލް ޢަބްދުﷲ މިއަދު 'ސަން' އަށް ވިދާޅުވީ އެ އިހުތިޖާޖަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޑޮލަރު ވިތްޑްރޯ ކުރުމުގެ ޕޮލިސީއަށް ގެނައި ބަދަލަކާ ގުޅިގެން ކުރި އިހުތިޖާޖެއް ކަމަށެވެ.

"ޖޭއެމްސީން އެ މީހުންނަށް ބަރާބަރަށް މުސާރަ ދެމުން އައީ. އެމީހުންނަށް މުސާރަ ދެނީ ޑޮލަރުން. އެ އިހުތިޖާޖު ކުރީ ޑޮލަރު ވިތްޑްރޯ ކުރުމުގެ ޕޮލިސީއަށް ބެންކުން ގެނައި ބަދަލަކާ ގުޅިގެން،" އޭނާ ވިދާޅުވިއެވެ.

ޝަމޫލް ވިދާޅުވީ މިހާރު އެ އިހުތިޖާޖު ހުއްޓާލައި، މުވައްޒަފުން އަނބުރާ މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށެވެ.

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މާލެ ސަރަހައްދުގައި އެފްޑީސީން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރާ 4000 ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ. އެއީ އިންޑިއާގެ އެންބީސީސީ ކުންފުންޏާއި ޖޭއެމްސީ ޕްރޮޖެކްޓްސްއަށެވެ. ކޮންމެ ކުންފުންޏެއް ވެސް ކުރާނީ 2000 ހައުސިން ޔުނިޓުގެ މަސައްކަތެވެ.

އެ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން މީގެ ކުރިން ޝަމޫލް ވިދާޅުވީ 4000 ފްލެޓުގެ އަަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށް ވިދާޅުވެފައެވެ.

"ޖޭއެމްސީ ޕްރޮޖެކްޓްގެ 16 ޕަސެންޓް ނިމިއްޖެ. އެންބީސީސީގެ މަސައްކަތް 13.5 ޕަސެންޓް ނިމިއްޖެ. އަންނަ އަހަރަށް ބައެއް ޓަވަރުތައް ނިމޭނެ. މުޅި ޕްރޮޖެކްޓް 2024އަށް ނިމޭނެ. މަސައްކަތް ކުރިއަށްދަނީ ޓައިމްލައިނާ އެއްގޮތަށް،" އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ މަޝްރޫގެ ތެރޭ ހިމެނެނީ ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި، ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެކެވެ. އަދި ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

އެ ހައުސިން ޔުނިޓުތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ 4000 ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއް ލިބި އިގްތިސާދީ ފައިދާ ލިބޭނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް