ސްކީ ކުރަނިކޮށް ޖަރުމަނު ކީޕަރުގެ ފައި ބިނދިއްޖެ، މި ސީޒަނުގައި ދެން ނުކުޅޭނެ

ޖަރުމަނާއި ބަޔާން މިއުނިކުގެ ކެޕްޓަން އަދި ކީޕަރު މެނުއެލް ނޯޔާ --

ފީފާ ވޯލްޑް ކަޕު 2022 ގައި ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމަށް ލިބުނު ނާކާމިޔާބީއާއެކު، އޮފް ސީޒަނުގެ ދުވަސްތަކުގެ ތެރޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، އެޓީމާއި ބަޔާން މިއުނިކުގެ ކީޕަރު އަދި ކެޕްޓަން މެނުއެލް ނޯޔާގެ ފައި ބިނދިއްޖެއެވެ.

ނޯޔާގެ ފައި ބިނދިފައި ވަނީ ސްކީ ކުރަން އުޅުމުގެ ތެރޭގައެވެ.

މީސްމީޑިއާގައި ނޯޔާ އާންމުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ލިބުނު މި އަނިޔާއާ މެދު ބުނާނެ އެއްޗެއް ނޭނގޭ ކަމަށާއި، މި އަހަރުގެ ނިމުން މިއަށްވުރެ ރަނގަޅަށް ދިޔަ ނަމައޭ ހިތަށް އަރާ ކަމަށެވެ.

އަދި ވޯލްޑް ކަޕުގައި ލިބުނު ނާކާމިޔާބީގެ ހަނދާންތައް ފޮހެލައި، ހަމަޖެހިލުމަށް ސްކީ ކުރަމުން ދަނިކޮށް އޭނާގެ ފައި ބިނދިފައިވާ ކަމަށެވެ.

އެހެންކަމުން އިއްޔެގެ ވަގުތެއްގައި ސާޖަރީއެއް ކުރި ކަމަށާއި، ސާޖަރީ ކާމިޔާބުވި ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް މި ސީޒަނުގެ ބާކީބައި ފުރިހަމަ ނުކުރެވުން އެއީ ލިބުނު ހިތާމައެއް ކަމަށް ނޯޔާ ބުނެފައިވެއެވެ.

ޖަރުމަނު ޓީމަށް ވޯލްޑް ކަޕުގައި ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، ކުލަބު ފެންވަރުގައި ބަޔާން މިއުނިކާއެކު ނޯޔާ އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ ބްރޭކަށް ދިޔައިރު ބަޔާން އޮތީ ޖަރުމަނު ބުންޑަސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ.

ބަޔާންއިންވެސް ވަނީ މި ސީޒަނުގެ ބާކީ ބައިގައި އެޓީމުގެ ކީޕަރު ނުފެންނާނެކަން ކަށަވަރު ކޮށްދީފައެވެ. މިހާތަނަށް ޖަރުމަނު ލީގުގައި ބަޔާންއިން ކުޅުނު 15 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ ހަތަރު މެޗުން އެއްވަރުވެފައިވާ ބަޔާންއަށް ތާވަލުގެ އެއްވަނަ ލިބެނީ 34 ޕޮއިންޓާއެކުއެެވެ.

15 މެޗުން ބަޔާންގެ ކުޅުންތެރިން 49 ލަނޑު ކާމިޔާބު ކޮށްފައިވާއިރު ބައިކޮޅަށް ވަދެފައި ވަނީ 13 ލަނޑެވެ.

ނޯޔާއާއި ޖަރުމަނަށް މިފަހަރުގެ ވޯލްޑް ކަޕް ނިމިފައިވާއިރު އެ ޓީމު މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖާ ހަމައިންނެވެ. 2018 ވަނަ އަހަރުވެސް ގްރޫޕް ސްޓޭޖާއި ހަމައިން ޖަރުމަނަށް މުބާރާތް ނިމުނުއިރު، ގިނަބައެއްގެ ފާޑުކިޔުންތައް އެ ޓީމަށް މިފަހަރުގެ މުބާރާތުގައި އަމާޒުވެފައިވެއެވެ.

comment ކޮމެންޓް