ނޮޅިވަރަމުގައި ކުއްލި މަރެއް، ޝައްކު ކުރެވޭ ފިރިމީހާ ފިލައިފި

ހދ. ނޮޅިވަރަމްގައި ޒުވާން އަންހެން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށާއި އެ މަރާ ގުޅިގެން އޭނާގެ ފިރިމީހާގެ މައްޗަށް ޝައްކު ކުރެވޭއިރު އޭނާ ވަނީ ފިލައިގެން އެރަށުން ގޮސްފައި ކަމަށް މަރުވި ޒުވާނާގެ އާއިލާއިން ބުނެފިއެވެ.

މަރުވެފައިވަނީ 28 އަހަރުގެ ނިޝާމާ މުހައްމަދެވެ. އޭނާ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ މިއަދު 14:15 ހާއިރެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު ނިޔާޝާ ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ ނިޝާމާގެ މަރުގައި ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. މިއަދު ހެނދުނު ވެސް އޭނާ ހެޔޮ ހާލުގައި ހުރިކަމަށާއި، އެކުވެރިންނާ ވާހަކަދައްކައިފައި ވެސް ވާކަމަށް އޭނާ ވިދާޅުވިއެވެ.

"އާއިލާއިން ޝައްކު ކުރަނީ ފިރިމީހާގެ އަމަލެއް ކަމަށް. އޭނާ ފުރައިގެން ގޮސްފި،" ނިޔާޝާ ވިދާޅުވިއެވެ.

ނިޝާމާގެ ފިރިމީހާއަކީ އދ. ފެންފުށީ، ފައިސަލް އަލީއެވެ. އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

"ސަން" އިން މަރުވި ޒުވާނާގެ އާއިލާގެ މެމްބަރަކަށް ގުޅާލުމުން ވެސް ބުނީ ޝައްކު ކުރަނީ ނިޝާމާގެ ފިރިމީހާއަށް ކަމަށާއި އޭނާ ވަނީ ފިލައިގެން ގޮސްފައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދިނެވެ.

މަރުވި ސަބަބު އަދި ޑޮކްޓަރު ޔަގީން ނުކޮށް ދޭ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

ނަމަވެސް ނިޝާމާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުރިކަމަށް އޭނާ ފެނުނު މީހުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު 12:30 ގައި ކަމަށެވެ. ފުލުހުން އެ ސީންއަށް ގޮސް މަރުވެފައި އޮތް މީހާ އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

"އެ މީހާ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދޭ،" ފުލުހުން ބުންޏެވެ.

ނިޝާމާ އާއި އޭނާގެ ފިރިމީހާ އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. ދޮށީ ކުއްޖާގެ އުމުރުން ހަތް ވަރަކަށް އަހަރު ވެފައިވާއިރު ހަގު ދަރިފުޅު އުޅެނީ ބޭބީ ނާސަރީގައެވެ.

comment ކޮމެންޓް