މިލަންދޫ ބަނދަރު ދެ ގުނަ ބޮޑުކުރަނީ، ރައްޔިތުންނަށް ބޮޑު އުފަލެއް

މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ށ. މިލަންދޫ ބަނދަރު މިހާރު އޮތް ވަރަށްވުރެ ދެ ގުނަ ބޮޑުކޮށް އިތުރަށް ތަރައްގީކުރުމަކީ އެ ރަށު ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެއްކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ށ. މިލަންދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަދެވެ. މިއީ 600 ދުވަހުން ނިންމަން ޖެހޭ 79.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް, އެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ޖެޓީ ހެދުމާއި، ބަނދަރުގައި އިތުރު 42 ބައްތި ހަރުކުރުން ހިމެނެއެވެ. ހަމައެއާއެކު ބަނދަރާއި ނެރު ފުންކުރުން ވެސް ހިމެނެއެވެ.

އެ އެއްބަސްވުމާ ގުޅިގެން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް މިއަދު "ސަން"އަށް ވިދާޅުވީ މިހާރު ރަށުގައި އޮތް ބަނދަރަށް ވުރެ ބޮޑު ބަނދަރަކަށް ރައްޔިތުން އިންތިޒާރު ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

ނަމަވެސް މިއަދު އެ އިންތިޒާރަށް ނިމުމެއް އައިސް، އުންމީދު އާވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.

މިލަންދޫ ބަނދަރު މިހާރު -- ފޮޓޯ: ކައުންސިލް

"އަސްލު ހަގީގަތުގައި މިހާރު ވަރަށް ބޮޑަށް ބަނދަރުގެ ދަތިކަން ދިމާވެފައިވަނީ. ދެން އެހެންވެ އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން ރިކުއެސްޓުކުރީ ބަނދަރު ބޮޑުކުރަން. ދެން ސަރުކާރުގައި މިދިޔަ އަހަރުން ފެށިގެން ދަންނަވަމުން ގެންދިޔައީ،" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ގެދޮރު އިމާރާތްކުރަން ބޭނުންވާ ގިނަ ވަސީލަތްތަކެއް އެ ރަށުން ލިބޭތީ، އެ ތަކެތީ ގަންނަން ކައިރި ރަށްރަށުން ގިނަ ބަޔަކު އަންނަކަމަށެވެ.

"އެހާ ވަރަށް ދޯނިތައް އައީމާ ވަރަށް ބޮޑަށް ބަނދަރުގެ ދަތިކަން ކުރިމަތިވޭ،" އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އަލަށް ޓީ ޖެޓީއެއް ވެސް އެ ރަށުގައި ތަރައްގީކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ކައުންސިލުން އެކުލަވާލި އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ބަނދަރު ތަރައްގީކުރާނެ ގޮތް ކަނޑައަަޅައިފައިވާކަމަށެވެ. އެގޮތުން އަލަށް ތަރައްގީކުރާ ބަނދަރުގައި މުދާ ހުސްކުރުމުގެ ބޭނުންތަކަށް ކެރޭން ބެހެއްޓުމަކީ ކައުންސިލްގެ ވިސްނުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޕެޓްރޯލާއި ޑީސަލް ވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދަކީ މަޝްރޫއު އަވަސް ސްޕީޑެއްގައި މެދުނުކެނޑި ގޮސް ނިންމާލުން،" އާތިފް ވިދާޅުވިއެވެ.

comment ކޮމެންޓް