ފީފާ ވޯލްޑް ކަޕް 2022ގައި ސްޕެއިން ޓީމަށް ލިބުނު ނާކާމިޔާބީއާއެކު، ޓީމުގެ ކޯޗުކަމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފިއެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި ސްޕެއިން ޓީމަށް މުބާރާތުން ވަކިވާން ޖެހުނީ ރައުންޑް އޮފް 16 ގައި މޮރޮކޯއަތުން ބަލިވުމާ ގުޅިގެންނެވެ. މޮރޮކޯ އަތުން ސްޕެއިން ބަލިވީ ޕެނަލްޓީގައި 0-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ޕެނަލްޓީ ޝޫޓްއައުޓުގައި ސްޕެއިންގެ ޕެނަލްޓީތައް ފޮނުވާލި އެއްވެސް ކުޅުންތެރިއަކަށް ޕެނަލްޓީ ކާމިޔާބު ކުރެވިފައި ނުވާއިރު، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ވަނީ، ސްޕެއިންގެ ކުޅުންތެރިން ޕެނަލްޓީ ޝޫޓްއައުޓަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ކޮންމެ ކުޅުންތެރިއަކު 1000 ޕެނަލްޓީ ޖެހި ކަމަށް އެންރީކޭ ބުނެފައިވެއެވެ.
ސްޕެއިންގެ ކޯޗުކަމުން އެންރީކޭ އިސްތިއުފާދިން ކަން ހާމަކޮށް ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނީ، އެންރީކޭއާ އޭނާގެ ކޯޗިންގް ޓީމުން، ގައުމީ ޓީމަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ސްޕެއިންގެ ގައުމީ ޓީމު އެކުލަވާލި ގޮތާއިމެދު އެންރީކޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ހާއްސަކޮށް މީގެކުރިން ބާސެލޯނާއަށް ކޯޗުކަން ކޮށްދީ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެންރީކޭ ސްޕެއިންގެ ގައުމީ ޓީމު އެކުލަވާލުވުމުގައި، ބާސާއާ ވާދަވެރި ރެއާލް މެޑްރިޑުގެ ކުޅުންތެރިންނަށް ނާއިންސާފުން ކަންކޮށްފައިވާ ކަމަށް ފާޑުކީ ފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން ރެއާލް މެޑްރިޑަށް މީގެކުރިން ކުޅެ މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ސާޖިއޯ ރާމޯސްއަށް އެންރީކޭގެ ސްކޮޑުން ފުރުސަތު ނުދިނުމުން ގިނަބައެއްގެ ފާޑުކިޔުން އެންރީކޭއަށް އަމާޒުވެފައިވެއެވެ.
އުމުރުން 52 އަހަރުގެ އެންރީކޭ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. ސްޕެއިންއިން އެންރީކޭގެ އިރުޝާދުގެ ދަށުން ޔޫރޯ 2020 މުބާރާތުގައި ވާދަކުރިއިރު، އެ މުބާރާތުން ސްޕެއިން ކެޓީ ސެމީ ފައިނަލާ ހަމައިންނެވެ. އެއީ އިޓަލީ އަތުން ބަލިވެގެންނެވެ.
އެންރީކޭގެ ބަދަލުގައި ސްޕެއިންގެ އައު ކޯޗަކަށް އައްޔަންކޮށްފައި ވަނީ އެގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދެމުން އައި ލުއި ޑިލަ ފުއެންޓޭ އެވެ.
2018 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވި އެންރީކޭއަށް ސްޕެއިންގެ ގައުމީ ޓީމާއެކު ހޯދުނު ހަމައެކަނި ކާމިޔާބީ އަކީ 2020/21 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ރަނަރަޕް ކަން ހޯދުމެވެ.
އެހެންނަމަވެސް ކުލަބު ފެންވަރުގައި ކޯޗެއްގެ ގޮތުގައި އެންރީކޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.
އެގޮތުން ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން ވަނީ އެންރީކޭގެ އިރުޝާދުގެ ދަށުން ލަލީގާ ދެ ފަހަރު، ކޮޕާ ޑެލްރޭ ތިން ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ދެފަހަރު ހޯދާފައެވެ.