ނޮވެމްބަރު މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި 1.51 ބިލިއަން ރުފިޔާ ލިބިއްޖެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓޫރިޒަމް ސިނާއަތަށް ލިބުނު ކުރިއެރުމާއެކު މިދިޔަ ނޮވެމްބަރު މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި 1.51 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ނޮވެމްބަރު މަހު ޓެކްސްގެ ގޮތުގައި 1.51 ބިލިއަން ރުފިޔާ ލިބުނުއިރު, މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު %20.4 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ، 1.25 ބިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ނޮވެމްބަރު މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ، ޓީޖީއެސްޓީ، ޖީއެސްޓީގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިހުރި ތަންތަނުގެ މުއްދަތު އިތުރުކޮށްދީގެންނެވެ.

ނޮވެމްބަރު މަހު އެންމެ ގިނައިން ޓެކްސް ލިބިފައިވާ ދާއިރާތައް:

  • ޓީޖީއެސްޓީ: 507.5 މިލިއަން ރުފިޔާ
  • ޖީއެސްޓީ: 280.1 މިލިއަން ރުފިޔާ
  • ލީޒް ޕީރިއަޑް އެކްސްޓެންޝަން: 230.4 މިލިއަން ރުފިޔާ
  • އިންކަމްޓެކްސް: 145.3 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކްސް: 71.8 މިލިއަން ރުފިޔާ

ޓެކްސްގެ ގޮތުގައި ބޭރު ފައިސާއިން ލިބުނު އާމްދަނީ:

ދައުލަތުގެ ޓެކްސް އިދާރާއިން ނެރެފައިވާ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ނޮވެމްބަރު މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 63.7 މިލިއަން ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު، 11.8 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބިފައިވަނީ 51.8 މިލިއަން ޑޮލަރެވެ.

މިދިޔަ ނޮވެމްބަރު މަހު ޑޮލަރުން އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ:

  • ޓީޖީއެސްޓީ: 33.09 މިލިއަން ޑޮލަރު
  • ލީޒް ޕީރިއަޑް އެކްސްޓެންޝަން: 15 މިލިއަން ޑޮލަރު
  • ގްރީން ޓެކްސް: 4.9 މިލިއަން ޑޮލަރު
  • ޑިޕާޗާ ޓެކްސް: 4.6 މިލިއަން ޑޮލަރު

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ، ނޮވެމްބަރު މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުރިން ހީކުރިގޮތާ ޚިލާފަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށެވެ.

ކުރިއަށްމިދަނީ ރާއްޖޭގެ ޓޫރިޒަމް ސީޒަންކަމުން މިހިނގާ ޑިސެމްބަރުމަހުވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވާނޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދެކެއެވެ.

comment ކޮމެންޓް