ތައިލެންޑްގެ އިންސްޓިޓިއުޓެއްގައި ދިވެހީން ތަމްރީން ކުރުން ހިލޭ

ރާޖްނަކުލް އިންސްޓިޓިއުޓަށް ފަސްޓްލޭޑީ ފަޒްނާ ކުރެއްވި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، ތައިލެންޑުގެ ރާޖްނަކުލް އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިއްޔެ ވަނީ ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ޒިޔާރާތް ކުރައްވާފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަންނަ ޖެނުއަރީ މަހު ފަށާ "މެންޓަލް ހެލްތް ކެއާ އިން ޗިލްރެން އެންޑް އެޑޮލެސެންޓްސް' ޓްރެއިނިންގް ކޯހުގައި ތިން ދިވެހީން ބައިވެރިކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ރާޖްނަކުލް އިންސްޓިޓިއުޓަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްފަދައިން ގަދަރުވެރި ދިރިއުޅުމެއް އުޅުމަށް އެކި ހުނަރުތައް ދަސްކޮށްދީ ޚިދްމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ.

ހަމައެއާއެކު މި ރޮނގުން ދިރާސާތައްކޮށް މި މަސައްކަތް ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ރާޖްނަކުލް އިންސްޓިޓިއުޓްގައި އަންނަނީ ހިންގަމުންނެވެ.

ރައީސް އޮފީހުން ބުނީ ފަސްޓް ލޭޑީ ފަޒްނާ މިހާރު ތައިލެންޑަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގައި ކުރިއަށްދާ ތައި ސިލްކް ފެޝަން ވީކްގެ އޯގަނައިޒިން ކޮމިޓީއިން އެރުވި ދަޢުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.

comment ކޮމެންޓް