އަރަބި ވެރިންނާއި ޗައިނާގެ ރައީސްގެ ޚާއްސަ ބައްދަލުވުންތަކެއް ސައުދީގައި ފަށަނީ، އެމެރިކާއަށް މުހައްމު މެސެޖެއް!

ރިޔާޟް (7 ޑިސެންބަރު 2022): ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން މާދަމާ ސައޫދީ އަށް ވަޑައިގަންނާނެކަން ބައިނަލްއަގްވާމީ މީޑީއާތަކުން ހާމަކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޝީ ސައުދީއަށް ވަޑައިގަންނަވަނީ އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ވަރަށް ޚާއްސަ ދައުވަތަކަށެވެ. ރައީސް ޝީ ސައޫދީގައި ދެދުވަސް ހޭދަކުރައްވާނެއެވެ. މިދެދުވަހުގެ ތެރޭގައި މުހިންމު ތިން ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ބައްދަލުވުމަކީ ޝީއާއި ސައޫދީ އިސްވެރިން ބާއްވާ ދެ ގައުމުގެ ރަސްމީ މަޝްވަރާތަކާބެހޭ ބައްދަލުވުމެވެ. އެއަށްފަހު އޮންނާނީ އަރަބި ގައުމުތަކުގެ ވެރިންނާ ޗައިނާގެ ރައީސާއެކު ބާއްވާ އަރަބި ޗައިނީސް ބައްދަލުވުމެކެވެ. ތިންވަނަ ބައްދަލުވުމަކީ ޖަލްފްގެ އަރަބި ގައުމުތަކުގެ ޖަމްއިއްޔާ ޖިސީސީ ގެ ގައުމުގެ އިސްވެރިންނާއި ޗައިނާގެ ރައީސްގެ ބައްދަލުވުމެކެވެ.

އެހެންކަމުން މިއީ ޗައިނާއާއި މުޅި އަރަބި ދުނިޔެއާއި ޗައިނާއާ ދެމެދު ބާއްވާ ސަމިޓް ބައްދަލުވުންފަދަ ބޮޑު ބައްދަލުވުމެކެވެ. މިޑީއާ ރިޕޯޓްތައް ބުނާގޮތުން ރައީސް ޝީ އާ ބައްދަލުކުރެއްވުމަށްޓަކައި އަރަބި 22 ގައުމުގެ ތެރެއިން 14 ގައުމެއްގެ އެންމެ އިސްވެރިން ސައޫދީއަށް ވަޑައިގަންނަވާނެއެވެ. އަރަބި އަނެއް އަށް ގައުމުން ބައިވެރިވެވަޑައިގަންނަވާނީ އެގައުމުތަކުގެ ޚާރިޖީ ވަޒީރުން ނޫނީ އިސްވެރިންގެ ޚާއްސަ މަންދޫބުންނެވެ.

މިއީ އަރަބި ގައުމުތަކާއި ޗައިނާއާ ދެމެދު ބާއްވާ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުންކަމުން މިއީ ޗައިނާއާއި އަރަބި ގައުމުތަކުގެ ގުޅުން ސްޓްރެޓީޖިކް ލެވެލްގައި ބައްޓަންވުމުގެ ފެށުންކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

ޗައިނާއާއި އެމެރިކާގެ ޖިއޮޕޮލިޓިކަލް ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މިދުވަސްވަރު ޗައިނާއާއި އަރަބި ލީޑަރުންގެ މި ބައްދަލުވުން އިންތިޒާމު ކުރަނީ ސައޫދީ ސަރުކާރުންނެވެ. ޚާއްސަކޮށް އެގައުމުގެ ވަލީއުލްއަހުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުންނެވެ. މިފަދަ ބައްދަލުވުމެއް ސައުދީ އިސްނަގައިގެން އެމެރިކާގެ ރައީސްއާއި އަރަބި ގައުމުތަކުގެ ވެރިންނާ ދެމެދު އަދި ބާއްވާފައެއް ނުވެއެވެ.

ސައުދީން އިސްނަގައިގެން ޗައިނާއާއެކު މި ބައްދަލުވުންތައް ބާއްވަނީ ސައުދީއާއި އެމެރިކާގެ ގުޅުންތަކަށް ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ހީނަރުކަން އައީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕް ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބަރުލުންދޭން ސައޫދީ ފަސްޖެހުމުންނާއި ތެލުގެ ބާޒާރަށް އެމެރިކާ ބޭނުންވާ ބަދަލުތައް ގެނައުމަށް ސައުދީ ފާޅުގައިދެކޮޅު ހެދުމާ ގުޅިގެންނެވެ.

އެހެންކަމުން މިދަނޑިވަޅުގައި ޗައިނާގެ ރައީސްއާއެކު އަރަބި ތިން ބައްދަލުވުމެއް ސައޫދީގައި ބޭއްވުމަކީ ސައޫދީން އެމެރިކާއަށްދޭ ވަރަށް ބޮޑު މެސެޖެއްކަމަށްވަނީ ބެލެވިފައެވެ. މިދުވަސްވަރަކީ ރަޝިއާއާ ދިމާކުރުމަށާ އަދި ޗައިނާއާ ޖިއޮސްޓްރެޓީޖިކް ގޮތުން ކުރިމަތިލުމަށް އަރަބި ގައުމުތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް އެމެރިކާ ބޭނުންވެފައިވާ ދުވަސްވަރެކެވެ.

ސައުދީއާއި ގަލްފު ހިމެނޭގޮތަށް އަރަބި ގައުމުތަކުގެ އެއްވަނަ ވިޔަފާރި ޕާޓްނަރަކަށް މިހާރުވެފައިވަނީ އެމެރިކާގެ ބަދަލުގައި ޗައިނާކަމުން އެމެރިކާ ނުރުހުނަސް އަރަބިންނަށްވަނީ ޗައިނާއާ ގާތްވާން މަޖުބޫރުވެފައެވެ.

comment ކޮމެންޓް