ވޯލްޑުކަޕުން ކެޓުމާއެކު ބައެއް ކުޅުންތެރިން ރާއްޖޭގައި، މިވަނީ ކިހިނެއް؟

ވޯލްޑްކަޕުން ކެޓުމުން އުރުގުއޭ ކުޅުންތެރިން ދަނޑުމަތީގައި ހިތާމަ ފާޅުކުރަނީ-- ފޮޓޯ/ދި ގާޑިއަން

މިފަހަރުގެ ވޯލްޑް ކަޕަކީ ދިވެހިންނާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެކެވެ. އެއީ ގަތަރުގައި މުބާރާތް ބާއްވާތީއެވެ. ރާއްޖެއާއި އެގައުމާ އޮތް ގުޅުމުގެ އިތުރުން، ގަތަރު އެއާވޭސްގެ ދަތުރުތަކަކީ ވެސް މި މުބާރާތް ރާއްޖެއާ ގާތްކޮށްދޭ ސަބަބެކެވެ. އެ އެއާލައިނަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން އުދުހުންތައް ބާއްވަމުން އަންނަ އެއް އެއާލައިނެވެ.

ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމުން އޭގެ މަންފާ ރާއްޖެއަށް ކިތަންމެ ރަނގަޅަކަށް ވެސް ދަނީ ލިބެމުންނެވެ. ފުރަތަމަ ކަމަކަށް މުބާރާތުން ކަޓައިގެންދާ ޓީމުތަކުގެ ކުޅުންތެރިން އަމިއްލަ ގައުމަށް ފުރައިގެން ދިއުމުގެ ބަދަލުގައި، ދަނޑުން ހޮޓަލަށް ގޮސް، ފޮށިތަންމަތި ހިފައިގެން ވަގުތުން ފުރައިގެން އަންނަނީ ރާއްޖެއަށެވެ.

ވޯލްޑްކަޕުން ކެޓި ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އޮތް މެޗުތައް ބެލުމަށް ރާއްޖެއަށް

ޕޮލެންޑް ޓީމުގެ ކުޅުންތެރިން-- ފޮޓޯ/ރޮއިޓާސް

ރައުންޑް އޮފް 16ގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލެންޑް ބަލިވުމުން އެ ގައުމު ވަނީ މުބާރާތުން ކަޓައިފައެވެ. އެ މެޗަށް ފަހު ޖެހިގެން އައި ދުވަހު، ޕޮލެންޑް ޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޮސްކީ ހުރީ ރާއްޖޭގައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލެވަންޑޮސްކީ ޗުއްޓީ ހޭދަކުރަމުން ދަނީ މަޝްހޫރު ވެލާ ރިސޯޓުގައެވެ.

މިވަގުތު ރާއްޖޭގައި ހުރި ޕޮލެންޑް ކެޕްޓަން ލެވަނޑޮސްކީ-- ފޮޓޯ/ރޮއިޓާސް

މީގެ އިތުރުން، ވޯލްޑްކަޕް ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓި މެޗަށް ފަހު ލުއިސް ސުއަރޭޒް ވަނީ މާގިނަ އިރުތަކެއް ނުވެ ރާއްޖެ އައުމަށް ދަތުރު ފަށާފައެވެ. ވޯލްޑްކަޕުން އުރުގުއޭ ކެޓިތާ 12 ގަޑިއިރު ނުވަނީސް ސުއަރޭޒް ވަނީ ރާއްޖެ އައިސްފައެވެ.

ސުއާރޭޒްއާ އެއްގޮތަށް އުރުގުއޭގެ ވަލްވާޑޭވެސް ވަނީ ރާއްޖެ އައިސްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސުއަރޭޒް ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ނާހިދު އަބްދުއްރައްޒާގު

މި ދެ ކުޅުންތެރިންގެ އިތުރުން ވެސް، މިފަހަރުގެ ވޯލްޑްކަޕުން ކެޓި ބައެއް ޓީމުތަކުގެ ކުޅުންތެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ ތެރޭގައި ކެމަރޫން އާއި ޖަރުމަނުގެ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ވޯލްޑްކަޕުން ކެޓި ޓީމުތަކުގެ ކުޅުންތެރިން ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައިސްފައި މިވަނީ މެދުއިރުމަތީގެ މަޝްހޫރު ތަންތަން ކަމަށްވާ ދުބާއީ ފަދަ ސިޓީތަކުގައި އަގު ބޮޑެތި ލަގްޒަރީ ރިސޯޓުތައް އޮއްވައެވެ.

ވޯލްޑްކަޕުން ކެޓުުމުން ސުއަރޭޒް ހިތާމަކުރަނީ-- ފޮޓޯ/ ދިގާޑިއަން

ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމުއިއްޔާ މަޓާޓޯގެ އޮފިޝަލަކު "ސަން"އާ ވާހަކަދައްކަމުން ވިދާޅުވީ، ވޯލްޑް ކަޕުން ކެޓި ޓީމުތަކުގެ ކުޅުންތެރިން ރާއްޖެ އައުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މަޝްހޫރު ކުޅުންތެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލް ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޝްހޫރު ސެލެބްރެޓީންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤްބޫލް މަންޒިލް. އެމީހުންނަށް އެނގޭ ދިވެހިރާއްޖެކަން އެންމެ އަމާން ވާނީ. މިތަނަށް އައުމުން ނޫސްވެރިން ނުދާނެ އެމީހުންނަށް އުނދަގޫކުރާކަށެއް. ފްލައިޓުން ފޭބުމާއެކު ވަގުތުން ދާނީ ރިސޯޓަށް. އަނެއްކާ ރާއްޖެ މިއޮތީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށް،" އޮފިޝަލް ވިދާޅުވިއެވެ.

ގަތަރު އެއާވޭސްގެ ބޯޓެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަނީ -- ސަން ފޮޓޯ

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންޓް، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގް "ސަން"އަށް ވިދާޅުވީ، ގަތަރު އެއާވޭސްގެ ސީދާ އުދުހުންތައް ރާއްޖެއަށް އޮތުމަކީ މިހާ އަވަހަށް ކުޅުންތެރިން ރާއްޖެ އަންނަ މައިގަނޑު ސަބަބު ކަމަށެވެ.

ގަތަރު އެއާވޭސްއިން މަދުވެގެން ކޮންމެ ދުވަހަކު ރާއްޖެއަށް ދެ ފްލައިޓު ބާއްވައެވެ. ޑިމާންޑް ބޮޑުވެގެން ބައެއް ދުވަސްދުވަހު އެއަށްވުރެ އިތުރަށް އުދުހުންތައް ބާއްވައެވެ. މި ފަހަކުން އެއް ދުވަސް ތެރޭގައި ގަތަރު އެއާވޭސްގެ ހަ ފްލައިޓު ރާއްޖެއަށް ޖެއްސިއެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވި ފަހުން މިހާތަނަށް 12 ވޯލްޑްކަޕެއް ބޭއްވިއިރު، މިފަހަރު ކުޅުންތެރިން އަންނަ ގޮތަށް މީގެ ކުރިން ކުޅުންތެރިން ރާއްޖެ އައިސްފައި ނުވާކަމަށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުން ފާހަގަކުރެއެވެ.

"އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އަދި އޭގެ ކުރިން ޖަރުމަނާއި ދެކުނު ކޮރެއާ އަދި ޖަޕާނުގައި ވޯލްޑްކަޕް ބޭއްވި ފަހަރު ވެސް މިގޮތަކަށް ކުޅުންތެރިންނެއް ނާދޭ. މިފަހަރު މިހެން މި ދިމާވީ ގަތަރުގައި ވޯލްޑްކަޕް ބޭއްވުމުން،" މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ސަންއަށް ވިދާޅުވިއެވެ.

ލިވަޕޫލް ޓީމުގެ ބައެއް ކުޅުންތެރިން ރާއްޖޭގެ ރިސޯޓެއްގެ ފުޓްބޯޅަ ދަނޑެއްގައި-- ފޮޓޯ/ ސޯޝަލްމީޑިއާ

ވޯލްޑްކަޕުން ކަޓައިގެންދާ ޓީމުތަކުގެ ކުޅުންތެރިންގެ އިތުރުން، މި ފަހަރުގެ ވޯލްޑްކަޕުގައި ވާދަނުކުރާ ޓީމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ވެސް މިހާރު ރާއްޖޭގެ އެކި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުންދެއެވެ.

މިހާރު ފެށިގެން މިދަނީ ރާއްޖޭގެ ޓޫރިޒަމް ސީޒަނެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ރާއްޖެއަށް މަޝްހޫރު ގިނަ ކުޅުންތެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް މުބާރާތާއެކު އެ އަދަދު އިތުރުވެ، މަންޒަރު ވެސް ވަނީ ބަދަލުވެފައެވެ.

comment ކޮމެންޓް