ޗާގޯސް އައިލެންޑްސްގެ މައްސަލައާބެހޭ ގޮތުން ސަރުކާރުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ފުލުހުންނަށް މައުލޫމާތު ދެއްވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކަމަށެވެ.
މި ސެޝަނަކީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދިނުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތެރެއިން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ސީޕީ މުޙައްމަދު ހަމީދުގެ އިތުރުން ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ބައެއް ވެރިން ވެސް ބައިވެރިވެލެއްވިއެވެ.
މޮރިޝަސްއިން ބުނާ ގޮތުގައި 18 ވަނަ ގަރުނުން ފެށިގެން ޗާގޯސްއަކީ އެގައުމުގެ ބަޔެކެވެ. ނަމަވެސް 1965ގައި، މޮރިޝަސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު އިނގިރޭސިން ވަނީ ފޯޅަވަހި މޮރިޝަސްއާ ވަކިކޮށްފައެވެ. އަދި އޭރު އިނގިރޭސިން ވަނީ ފޯޅަވައްސަކީ އިންޑިއާ ކަނޑުގައި އޮންނަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ބަޔެއް ކަމަށް ކަނޑައަޅާފައެވެ.
އެއަށް ފަހު، 1971ގައި އިނގިރޭސިވިލާތުން ވަނީ ޗާގޯސްގެ މައި އަތޮޅު ކަމަށްވާ ޑިއޭގޯ ގާސިއާ އެމެރިކާގެ އަސްކަރީ ބޭނުމަށް ދިނުމަށް ޓަކައި، ޑިއޭގޯ ގާސިއާގެ ރައްޔިތުން އެރަށްތަކުން ބާލައިފައެވެ.
ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ގޮވާލައި، ބައިނަލްއަގުވަމީ ނިންމުންތައް ނިންމާފައިވީ ނަމަވެސް އިނގިރޭސިިވިލާތުން ވަނީ މިހާތަނަށް އެގޮތަށް އަމަލުކުރަން ދެކޮޅުހަދާފައެވެ.
އެ މައްސަލައިގައި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ދާދި ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު މޮރިޝަސްއާ އެކު އެއްބަސްވުމަކަށް އައުން ކަމަށެވެ.