ރާއްޖޭގައި ސިޔާސީ ކަންކަން ވަނީ ބޮޑު ބާޒާރަކަށްވެފައި: ފާރިސް

ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ޕާޓީތަކާއި ނުގުޅި ގިނަ ބަޔަކު ތިބެނީ ސިޔާސީ ކަންކަން ހިނގާ ގޮތުން ހިންހަމަނުޖެހިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް--- ފޮޓޯ/ އެމްއާރްއެމް

ދިވެހިރާއްޖޭގައި ސިޔާސީ ކަންކަން ވަނީ ބޮޑު ބާޒާރަކަށްވެފައި ކަމަށް މޯލްޑިވްސް ރިޕޯމް މޫވްމަންޓް ޕާޓީ (އެމްއާރްއެމް)ގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

އެ ޕާޓީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ސިޔާސީ ކަންކަމާ ބެހޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް އަމަލު ކުރާ ގޮތް އިތުރަށް ހަރުދަނާ ކުރަން ރައްޔިތުން އެދޭ މިންވަރު އެ ޕާޓީން އީސީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ވޯޓުލެވޭ އުމުރުގެ ގިނަބަޔަކު އަދިވެސް އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅިވާކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ޕާޓީތަކާ ނުގުޅި ގިނަ ބަޔަކު ތިބެނީ ސިޔާސީ ކަންކަން ހިނގާ ގޮތުން ހިތްހަމަނުޖެހިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ޕާޓީތަކުގެ ތެރެއިން ނޫން ގޮތަކަށް ގައުމަށް ޚިދުމަތް ކުރެވޭނެ މަގު ހުުޅުވިފައިނެތަތީވެ، ގައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެެއް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންގެ ތެރޭގައި އެބަތިބި ވަރަށް ތައުލީމީ، ވަރަށް ގާބިލު، ކަމަށް އެކަށީގެންވާ މީހުން. ދައުލަތުގެ ކަންކަން ނިންމަން ތިބޭ އެންމެ އިސް މީހުންނަށް ވާން ޖެހޭނީ ގައުމުގެ އެންމެ ގާބިލު މީހުން. ނިޒާމު މިހާރު އޮތް ގޮތުން އަޅުގަނޑުމެންގެ ސިޔާސީ ކަންކަމުގެ ސަގާފަތް މިހާރު މި އޮތް ގޮތުން އޭގެތެރެއިން ގިނަ ބަޔަކަށް ގައުމަށް ޚިދުމަތް ކުރުމުން މަހުރޫމުވެފައި މި އޮންނަނީ،" ފާރިސް ވިދާޅުވިއެވެ.

ވުމާއެކު ސިޔާސީ ޕާޓީތަކަށް ވަންނަން ބޭނުންނުވާ މީހުންނަށް ވެސް ސިޔާސީ ޕާޓީތަކާއެކުގައި ހަރަކާތްތެރި ވެވޭނެ މަގެއް ހޯދުމަށްޓަކައި އެމްއާރްއެމްއިން މަސައްކަތް ކުރަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ އިސް ފަރާތްތަކާ މަޝްވަރާކޮށްގެން ކަންކަން އިސްލާހު ކުރުމަށް އީސީން ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ބައެއް އިސްލާހުތައް ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެ ތެރެއިން ބައެއް އިސްލާހުތައް މިހާރު އެޓާނީ ޖެނެރަލްއާ ވެސް ހިއްސާކޮށްފައިވާ ކަމަށް އީސީއިން ބުނެފައިވާ ކަމަށެވެ.

"ބައެއް ކަންކަމަކީ ގާނޫނު އިސްލާހު ކުރަންޖެހޭ ކަންކަމަށް ވާތީ އެކަންކަން އަދިވެސް ނުހިނގާ މިހުރީ. އެހެންވީމަ އަޅުގަނޑުމެން އެދުނިން އެކަންކަން އަވަސް ކުރެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް،" ފާރިސް ވިދާޅުވިއެވެ.

އީސީ އަކީ މިނިވަން މުއައްސަސާއެއްކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ އެ ކޮމިޝަނުން ވެސް އެންމެ ފުރަތަމަ ޖަވާބުދާރީ ވާންޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އީސީއިން ޖަވާބުދާރީވާން ޖެހޭނީ ވަކި އިސް ޕާޓީއަކަށް، ވަކި ބޮޑު ޕާޓީއަކަށް، ދައުލަތުގެ ވަކި އެހެން މުއައްސަސާއަކަށް ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ.

"ޕާޓީތަކާ ގުޅިފައިވާ ރައްޔިތުންނާއި ޕާޓީތަކާ ނުގުޅޭ ރައްޔިތުންގެ ވެސް މަސްލަހަތު ހިމާޔަތް ކުރަންޖެހޭ އެންމެ މުހިންމު އެއް މުއައްސަސާއަކީ އީސީ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ބައެއް މީހުން ތިމަންނަމެންނަށް ވަކި މަގާމެއް ލިބިއްޖެނަމަ ވަކި ބަޔަކަށް ކަންކަން ހަމަޖެހިގެންދާނެއޭ ފާޅުގައި މިއަދު ބުނަމުންދާ ކަމަށެވެ. ނަމަވެސް ދައުލަތުގެ އިސް މަގާމުތަކަށް އިންތިޚާބުކުރާ މީހުންނަކީ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަކަމާ އެކީގައި ޚިދުމަތް ކުރަން ޖެހޭނެ ބައެއް ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެ ނޫން ގޮތަކަށް ކަން ހިނގާނެ ކަމަށް މީހުން މިހާރު ގަބޫލުވެސް ނުކުރާ ކަމަށެވެ. އެކަންކަން އިސްލާހު ކުރުމަށް ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކާއި އީސީގެ އިތުރުން މަޖިލީހުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް