ވެލާނާގެއިން ރޭގަނޑު 10 ޖަހަންދެން ޕޯސްޓުގެ ޚިދުމަތް ދޭނެ

ޕިކް ޕޯސްޓްގެ ސްޓޭޝަންއެއް

ވެލާނާގެއިން ރޭގަނޑު ދިހައެއް ޖަހަންދެން ޕޯސްޓު ކުރުމުގެ ޚިދުމަތް ދެމުންދާނެ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ޕޯސްޓް ލިމިޓެޑުން ބުނީ ވެލާނާގެއިން ޕޯސްޓު ކުރުމުގެ ޚިދުމަތްތައް ހެނދުނު އަށަކުން ރޭގަނޑު 10 އަކަށް ލިބޭނެކަމަށެވެ. އެގޮތުން މި ގަޑިތަކަށް ބަދަލުގެނައީ މަސައްކަތު ގަޑިތަކުގައި ޕޯސްޓުގެ ޚިދުމަތް ހޯދުމަށް އެކި މީހުންނަށް ދަތިވާތީ ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން ވެލާނާގޭގެ ގްރައުންޑްގައި ހުންނަ ޕޯސްޓް ޝޮޕުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ރެޖިސްޓާޑް އަދި އީއެމްއެސްގެ ޚިދުމަތް އަދި ޑޮމެސްޓިކް މެއިލްގެ ޚިދުމަތްވެސް ލިބޭނެއެވެ.

އީއެމްއެސް ނުވަތަ އެކްސްޕްރެސް މެއިލްގެ ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފޮނުވާ ޕޯސްޓުތައް ކުރުމުގައި އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަަވަސް ޚިދުމަތެވެ. މި ޚިދުމަތަކީ ޚަރަދު ކުޑަ ޚިދުމަތަކަށް ވާއިރު މި ޕޯސްޓުގެ މަންޒިލުތަކުގެ ތެރޭގައި ނޭޕާލް، މެލޭޝިއާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޖަޕާން، ސިންގަޕޯ، ޔޫއޭއީ، އިންޑިއާ އަދި ޗައިނާ ހިމެނެއެވެ.

އީއެމްއެސްގެ އިތުރުން ޑޮމެސްޓިކް މެއިލް މެދުވެރިކޮށް ޕޯސްޓް ކުރަން ބޭނުންވާ ތަކެއްޗަށް އަރާނެ ޕޯސްޓޭޖް ފީ ޔަގީންކޮށްލުމަކީ މުހިއްމުކަމެއް ކަމުގައި ޕޯސްޓުން ބުނެއެވެ. އެގޮތުން މި ފީ ކަލްކިއުލޭޓް ކޮށްލުމަށް ޕޯސްޓްގެ ވެބްސައިޓްގައިވާ ޕޯސްޓޭޖް މެދުވެރިކޮށް އެ ފީ ކަލްކިއުލޭޓް ކުރެވޭނެއެވެ.

ޕޯސްޓުން ދެމުންގެންދާ ޚިދުމަތްތަކާބެހޭ އިތުރު މައުލޫމާތުތައް އެކުންފުނީގެ ވެބްސައިޓް އަދި މީސް މީޑިއާގެ މަންސަތަކުން ފެންނަން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ޕޯސްޓް ލިމިޓެޑް ވުޖޫދަށް އައީ 1994 ވަނަ އަހަރުއެވެ. އެގޮތުން އެކުންފުންޏަކީ ރާއްޖެއަށް ޕޯސްޓް މެދުވެރިކޮށް އަންނަ މުދަލާއި ރާއްޖެއިން ބޭރުކުރެވޭ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕޯސްޓު ކުރާ މުދާތައް އެންމެ ރައްކާތެރިކަމާއެކު ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި އަދި އެ މުދާތައް ޓްރެކް ކުރުން ފަދަ ޕޯސްޓިންގެ ޚިދުމަތްތައް ދިނުމަށް އުފެއްދި ކުންފުންޏެކެވެ.

comment ކޮމެންޓް