ޓިކެޓު މައްސަލައިގައި ޓޭލާގެ ފޭނުން ކޯޓަށް

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ޓުއާގެ ޓިކެޓުތައް ވިއްކުމުގައި އަމަލު ކޮށްފައިވާ ގޮތާ ގުޅިގެން ޓޭލާގެ ފޭނުންތަކެއް، ޓިކެޓު ވިއްކާ ޕްލެޓްފޯމު "ޓިކެޓް މާސްޓާ"ގެ ބެލެނިވެރި ކުންފުނި ގޮވައިގެން ކޯޓަށް ގޮސްފިއެވެ.

އެމެރިކާގައި އިވެންޓުތަކުގެ ޓިކެޓު ވިއްކުމަށް ހާއްސަ ޕްލެޓްފޯމެއް ކަމަށްވާ "ޓިކެޓްމާސްޓާ" އިން ވަނީ ޓުއާ ޓިކެޓްގެ ޕްރީ ސޭލްގައި ފަހަށް ނުވިސްނާ ޓިކެޓް ވިއްކަން ފަށާފައެވެ. ޓިކެޓަށް އޮތް ޑިމާންޑަށް ވިސްނުމެއް ނެތި ޓިކެޓު ވިއްކަން ހުޅުވާލި ވަގުތު ޓިކެޓު ގަނެވުނީ ޓޭލާގެ މަދު ފޭނުންތަކަށެވެ.

ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ޓިކެޓްމާސްޓާގެ ޕްލެޓްފޯމް ކްރެޝްވެ އިތުރަށް ޓިކެޓް ގަނެވޭ ގޮތް ނުވިއެވެ. ޓިކެޓްމާސްޓާ އިން ބުނެފައިވަނީ ޑިމާންޑާ އެއްވަރަށް އިންވެންޓަރީގައި ޓިކެޓު ނެތުމުން ޓިކެޓު ވިއްކުން ކެންސަލު ކޮށްލާފައިވާ ކަމަށެވެ.

އެ ދަނޑިވަޅުގެ ފައިދާ ނަގައިގެން އެތައް ބަޔަކު ވަނީ އެތައް ހާސް ޑޮލަރަށް ޓޭލާގެ ޓުއާގެ ޓިކެޓުތައް ވިއްކާފައެވެ. މިގޮތަށް ކަންތައް ވެފައިވަނީ ޓިކެޓް މާސްޓާގެ އަމަލުތައް ހުރި ގޮތުގެ ސަބަބުންނެވެ.

މިކަންތަކާ ރުޅިއައިސްގެން ޓޭލާގެ ފޭނުންތަކެއް ވަނީ ޓިކެޓް މާސްޓާގެ ބެލެނިވެރި ކުންފުނި ލައިވް ނޭޝަން އެންޓަޓެއިންމެންޓާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ކެލިފޯނިއާގެ ކޯޓަކަށް މައްސަލަ ހުށަހަޅާފައެވެ.

މޮނޮޕޮލީއެއްގެ ގޮތުގައި ޓިކެޓް މާސްޓާއިން އެ ވިޔަފާރި ހިންގާތީ ޓިކެޓު ރީސޭލް ކުރުމާއި އެހެން ގޮތަކަށް ޓިކެޓު ގަނެވޭނެ މަގެއް ތަނަވަސް ކޮށްފައި އެ ކުންފުނިން ނުވުމަކީ ގޯސް ކަމެއް ކަމަށް ފޭނުން ބުނެއެވެ. ޓޭލާގެ 24 އަށް ވުރެ ގިނަ ފޭނުން ވަނީ ކޯޓަށް މި މައްސަލަ ހުށަހަޅާފައެވެ.

ބޮޑެތި ސްޓޭޑިއަމްތަކާއެކު އެއްބަސްވުން ހަދާފައިވާ ހަމައެކަނި ކުންފުންޏަކީ ޓިކެޓް މާސްޓާއަށް ވުމުން ޓިކެޓް މާސްޓާ ނޫން ގޮތަކަށް ޓުއާތައް ބޭއްވޭނެ ގޮތެއް ވެސް ނެތް ކަމަށް އެ މައްސަލައިގައި ހާމަކޮށްފައިވެއެވެ. އެގޮތުން ޓިކެޓް މާސްޓާއިން ވަނީ އިތުރު މާކެޓުތަކަށް އެކުންފުނި މެދުވެރިކޮށް ޓިކެޓު ވިއްކައި އިތުރު ފައިދާ ހޯދާފައިވާ ކަމަށް ފޭނުން ދައުވާ ކުރެއެވެ.

މި މައްސަލައިގައި ކޮންމެ ފޭނެއް ވެސް ޓިކެޓް މާސްޓާ އަތުން 2،500 އެމެރިކާ ޑޮލަރު ހޯދުމަށް ވަނީ އެދިފައެވެ.

މި ޓިކެޓަކީ އަންނަ އަހަރުގެ މާޗު މަހުގައި އެމެރިކާގައި ޓޭލާ ފަށާ ޓުއާގެ ޓިކެޓެވެ. ފަސް މަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓުއާގައި ޓޭލާ 52 ކޮންސާޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓިކެޓް މާސްޓާގެ މައްސަލައަށް ފަހު ޓުއާ ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތެއް ޓޭލާ ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް