ބައި މިލިއަން ރުފިޔާ އާއި 13 ކިލޯ ޑްރަގާ އެކަކު ހަވާލުވެއްޖެ, ހަ މީހުން ވެސް ބަންދަށް

ފުލުހުން ހިންގި އޮޕަރޭޟަނެއްގައި އަތުލައިގަތް 13 ކިލޯ މަސްތުވާތަކެއްޗާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ: އެތަކެއްޗާ އެކަކު ވަނީ ހަވާލުވެފައި --- ފޮޓޯ: ފުލުހުން

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަަސްތުވާތަކެއްޗާއެކު ހަ ލައްކައަށް ވުރެ ގިނަ ރުފިޔާއާ މީހަކު ހަވާލުވެއްޖެއެވެ.

އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މީގެ ކުރިން ވިދާޅުވީ އެ އޮޕަރޭޝަނުގައި 13.56 ކިލޯ މަސްތުވާތަކެއްޗާއި 644,020ރ. އަތުލައިގަނެފައިވާ ކަމަށެވެ. އެތަކެތި ހޯދާފައި ވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލެ ގެސްޓްހައުސްއަކުންނެވެ.

އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ހަތަރު މީހަކާއި ގދ. ހޯނޑެއްދޫ މީހެކެވެ. އަދި ފެނުނު މަސްތުވާތަކެއްޗާ ފައިސާއާ ހަވާލުވެފައިވަނީ މާލެއަށް ނިސްބަތްވާ މީހެކެވެ. އުމުރުން 30 އަހަރުގެ އެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

ހައްޔަރުކުރި މީހުން

36 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް

47 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް

39 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް

37 އަހަރުގެ މީހާގެ ބަންދަށް 25 ދުވަސް

28 އަހަރުގެ މީހާގެ ބަންދަށް 25 ދުވަސް

30 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

އެ ހަ މީހުންގެ މައްޗަށް ވެސް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރިކަމަށެވެ. ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގާފައިވަނީ ގިނަ އިންތިޒާމްތަކެއް ރޭވިފައިވާ ނެޓްވޯކެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އިންޓެލިޖެންސް މައުލޫމާތު ލިބިގެން ބަލައިފާސްކުރި ތަންތަނުން އެކި ގޮތްގޮތަށް ޕެކް ކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް