ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ ތިން މަސްބޯޓު ހިފަހައްޓައިފި

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 3 މަސްބޯޓު / ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ތިން މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅޭ މާގިނަ މައުލޫމާތު އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. އެ ތިން މަސް ބޯޓުގެ ފޮޓޯއާއެކު އެމްއެންޑީއެފުން ބުނީ ހަމައެކަނި އެބޯޓުތައް ހިފަހައްޓާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެބޯޓުތަކަކީ ސްރީލަންކާގެ މަސްވެރިން އާންމުކޮށް މަސްވެރިކަމަށް ނުކުމެ އުޅޭ ކުދި އުޅަނދުތަކެކެވެ. މީގެ ކުރިންވެސް ސްރީލަންކާ އާއި އެނޫންވެސް އަވަށްޓެރި އެހެން ގައުމުތަކުގެ މަސް ބޯޓުތައްވެސް ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފަހައްޓާފައިވެއެވެ.

ގާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާބެހޭ ގަވާއިދުގައި ވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދު ފަހަރުން ރިޕޯޓްކުރުމެއް ނެތި ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މިފަހުން ފާއިތުވި ނޮވެމްބަރު މަހުވެސް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މިފަދަ ބޯޓުތައް އާންމުކޮށް ފެންނަނީ ރާއްޖޭގެ މަސްވެރިންނަށެވެ.

މަސްބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގެ ކޮން ހިސާބަކުން ކޮން އިރަކު ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް