ދުނިޔޭގެ އެކި ގައުމު ތަކުގެ އިންފްލޭޝަން ރޭޓްތައް ހުރި މިންވަރު އިނގޭތަ؟

ތަކެތީގެ އަގު ބޮޑު ވުމާ ދެކޮޅަށް އަޔަލޭންޑްގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ---- ފޮޓޯ/ ރޯލިން ނިއުސް

ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ތަކެތީ އަގު މަތިވާ ކަމުގެ ވާހަކައެވެ. އިގްތިސާދީ ނަޒަރިއްޔާތަކުން ބުނާ ނަމަ އިންފްލޭޝަން މަތިވާ ކަމުގެ ވާހަކައެވެ. ވަކިން ޚާއްސަކޮށް ކޮވިޑްގެ ދަތި ތަކާއެކު މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެން އައި ލޮޅުމުގެ ސަބަބުން ގައުމު ތަކުގެ އިގްތިސާދަށާއި، މުދަލާއި އަދި ޚިދުމަތްތަކުން ނަގަމުން އައި އަގުތައް ވަރަށް ބޮޑުވި ވާހަކަ އަކީ މިއަދުވެސް ވަޅު ނުޖެހި ދެކެވެމުންދާ ވާހަކައެކެވެ.

މި ވާހަކަތަކުގެ ތެރެއިން މިއަދު ދުނިޔޭގެ ގައުމު ތަކުގެ އިންފްލޭޝަން ރޭޓް ހުރި މިންވަރު ބަލާލުމަކީ މުހިއްމުކަމެކެވެ. އެެގޮތުން މި ބަލާލަނީ ވޯލްޑް އޮފް ސްޓެޓިކްސްއިން ބަޔާންކޮށްފައިވާ ގައުމުތަކުގެ އިންފްލޭޝަން ރޭޓްތަކުގެ ތެރެއިން އިންފްލޭޝަން ރޭޓް އެންމެ މަތި ފަސް ގައުމަކަށެވެ.

1. އާޖެންޓީނާ: އާޖެންޓީނާ އަކީ ދުނިޔެއިން އިންފްލޭޝަން ރޭޓް އެންމެ މަތީ އެއް ގައުމެވެ. އެގޮތުން އެ ގައުމުގެ އިންފްލޭޝަން ރޭޓް މިއަހަރު އަދި ހުރީ 88 އިންސައްތައިގައެވެ. އެގޮތުން އެ ގައުމުގެ އިންފްލޭޝަން ރޭޓް 2019 ވަނަ އަހަރު 53.55 އިންސައްތައިގައި ހުރި އިރު، 2018 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުރީ 34.28 އިންސައްތައިގައެވެ. އެގޮތުން 1980 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް އެވްރެޖްކޮށް އިންފްލޭޝަން ރޭޓް މި ގައުމުގައި ހުރީ އަހަރެއްގެ މައްޗަށް 215.4 އިންސައްތައިގައެވެ.

އާޖެންޓީނާގެ އިންފްލޭޝަން ރޭޓުތައް --- ފޮޓޯ: ވޯލްޑް ޑާޓާ އިންފޯ

2. ތުރުކީ: ތުރުކީ އަކީ އާޖެންޓީނާގެ ފަހަތުން ދުނިޔޭގެ އިންފްލޭޝަން ރޭޓް އެންމެ މަތީ ގައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ތުރުކީގައި އިންފްލޭޝަންގެ ރޭޓް ހުރީ 85.51 އިންސައްތައިގައެވެ. އެގޮތުން ނިމިދޔަ 2021 ވަނަ އަހަރު 19.6 އިންސައްތައިގައި ހުރިއިރު، ފާއިތުވި 61 އަހަރުގައި ތުރުކީގެ އިންފްލޭޝަން ރޭޓް ހުރީ 1.1 އިންސައްތަ އާއި 105.2 އިންސައްތައާ ދެމެދުއެވެ.

3. ނެދަލޭންޑްސް: ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ނެދަލޭންޑްސް އަކީ އިންފްލޭޝަން ރޭޓް އެންމެ މަތީ ގައުމެވެ. އެގޮތުން ނެދަލޭންޑްސްގެ އިންފްލޭޝަން ރޭޓް މިއަހަރު އަދި ހުރީ 14.3 އިންސައްތައިގައެވެ. ފާއިތުވި 61 އަހަރުގެ ތެރޭގައި މި އަހަރަކީ ނެދަލޭންޑްސްގެ އިންފްލޭޝަން ރޭޓް މިހާ މައްޗަށް ހަމައެކަނި އަހަރަށް ވީއިރު، މިދިޔަ މުއްދަތުގައި އެގައުމުގެ އިންފްލޭޝަން ރޭޓް ހުރީ މައިނަސް 0.7 އިންސައްތަ އާއި 10.2 އިންސައްތައާ ދެމެދުއެވެ. ނިމިދިޔަ އަހަރުވެސް އެގައުމުގެ އިންފްލޭޝަން ރޭޓް ހުރީ 2.7 އިންސައްތައިގައެވެ.

4. ރަޝިޔާ: ބޮޑު ހަނގުރާމައެއްގެ ތެރޭގައި އޮތް ރަޝިޔާގެ އިންފްލޭޝަން ރޭޓް ހުރި ކަމަށް ރިޕޯޓްތަކުން ދައްކަނީ 12.6 އިންސައްތައިގައެވެ. އެގޮތުން އެގައުމުގެ އިންފްލޭޝަން ނިމިދިޔަ އަހަރު 6.7 އިންސައްތައިގައި ހުރި އިރު ފާއިތުވި 28 އަހަރު އެގައުމުގެ އިންފްލޭޝަން ރޭޓް އެވްރެޖް ގޮތެއްގައި ހުރީ އަހަރެއްގެ މައްޗަށް 63.3 އިންސައްތައިގައެވެ. މި އަހަރުގެ މާޗުގައިވެސް އެ ގައުމުގެ އިންފްލޭޝަން ރޭޓް ހުރީ 16.7 އިންސައްތައިގައެވެ.

5. އިޓަލީ: ޔޫރަޕުގެ ބޮޑު ބާރު، އިޓަލީގެ އިންފްލޭޝަން ރޭޓް މި އަހަރުގެ މިހާތަނަށް ހުރީ 11.8 އިންސައްތައިގައެވެ. އެގޮތުން އިޓަލީގެ އިންފްލޭޝަން ފާއިތުވި 61 އަހަރުގެ ތެރޭގައި ހުރީ މައިނަސް 0.1 އިންސައްތަ އާއި 21.1 އިންސައްތައިގެ ދެމެދުގައި ހުރި އިރު، އެއީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ބަލާނަމަ 5.7 އިންސައްތައިގެ އިންފްލޭޝަން ރޭޓެކެވެ. ނިމިދިޔަ އަހަރު އިޓަލީގެ އިންފްލޭޝަން ރޭޓް ހުރީ 1.9 އިންސައްތައެވެ.

މި ގައުމު ތަކުގެ އިތުރުން ރާއްޖޭގެ އިންފްލޭޝަން ރޭޓަށް ބަލައިފިނަމަ ނިމިދިޔަ 2021 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.5 އިންސައްތައިގައެވެ. މި ވަގުތު ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 އިންސައްތައިގައި ހުރި އިރު، ޓެކްސް ބޮޑު ކުރުމުގެ ސަބަބުން މި އަދަދު 5.4 އިންސައްތައަށް ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ރާއްޖޭގެ އިންފްލޭޝަން ރޭޓް ފާއިތުވި 41 އަހަރު ދުވަހުގެ ތެރޭގައި ހުރީ މައިނަސް 1.7 އާއި 23.8 އިންސައްތައާ ދެމެދުއެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 6.0 އިންސައްތައިގެ އިންފްލޭޝަން ރޭޓެކެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓުތައް --- ފޮޓޯ/ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އިންފްލްޝޭނަކީ އޭގެ ސަބަބުން ގައުމު ތަކުގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަކަށް ވީއިރު، މީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ އާންމު ރައްޔިތުންނަށެވެ. ތަކެތީގެ އަގު ބޮޑު ވުމަކީ އާންމުންގެ ދިރިއުޅުމުގެ ފެންވަރުގެ ޙާލަތައް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އަދި ވަކިން ޚާއްސަކޮށް ފަގީރު ގައުމުތަަކަށް އިންފްލޭޝަން މަތިވުމުގެ ސަބަބުން ކުރާނެ ގެއްލުން ވަރަށް ބޮޑެވެ.

comment ކޮމެންޓް