އާޖެންޓީނާގެ އިންފްލޭޝަން 300 އިންސައްތައަށް އުފުލިއްޖެ

އާޖެންޓީނާގެ އިންފްލޭޝަން ވަނީ ގާތްގަޑަކަށް 300 އިންސައްތައަށް އުފުލިފައި -- ފޮޓޯ/ރޮއިޓާސް

އާޖެންޓީނާގެ އިންފްލޭޝަން ރޭޓު ގާތްގަޑަކަށް 300 އިންސައްތައަށް އަރައި، ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ވިޔަފާރީވެރިންނާއި ކަސްޓަމަރުން ބުނާ ގޮތުން މަހުން މަހަށް ބަލާއިރު އިންފްލޭޝަން ގާތްގަޑަކަށް 25 އިންސައްތައަށް ދަށްވި ނަމަވެސް، އެ ބަދަލު އަދި ތަކެތީގެ އަގުތަކަކުން ނުފެނެއެވެ.

"އިންފްލޭޝަން ރޭޓް ކިތަންމެ ދަށަށް ދިޔަ ނަމަވެސް، އެ ބަދަލު ނުފެންނަ ސަބަބަކީ އަގު ތިރިވާންޖެހޭ ތަކެތީގެ އަގު ތިރިނުވެ ހުރުން،" މޭވާއާއި ތަރުކާރީ ވިއްކާ ސަންޑްރާ ބޮލޫޗް، 50، ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ކުލި ބޮޑުވުމުގެ ސަބަބުން އެ ފިހާރައިގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ބޮޑުކުރަން ވަނީ މަޖުބޫރުވެފައެވެ. ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރު ޑިސެމްބަރު 10 ވަނަ ދުވަހު ހާވިއާ މިލޭއީ އާޖެންޓީނާގެ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އާޖެންޓީނާގެ ފައިސާ، ޕެސޯގެ އަގު ވަރަށް ބޮޑަށް ދަށްވިއެވެ. އިންފްލޭޝަން މަތިވުމަށް އެންމެ ފުރަތަމަ ދިމާވި އެއް މައްސަލައަކީ އެއީއެވެ.

އޭގެ ސަބަބުން މީހުން މުސާރައަށާއި އިގުތިސާދީ ހަރަކާތްތަކަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވިއެވެ.

comment ކޮމެންޓް