މިވަގުތު އޭޑްސް ބަލި ޖެހިފައިވާ 22 ދިވެހީން އެބަތިބި ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އޭޑްސް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން އެ އޭޖެންސީން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މިބަލި ޖެހުނު ދިވެހީންގެ އަދަދު ވަނީ 39 އަކަށް އަރާފައެވެ. އޭގެ ތެރޭގައި 6 އަންހެނުންނާއި 33 ފިރިހެނުން ހިމެނޭއިރު، މިހާތަނަށް މިބަލީގައި 15 މީހުން މަރުވެފައިވެއެވެ.
އެޗް.އައި.ވީ އަދި އޭޑްސް
އެޗްއައިވީއަކީ އޭޑްސް ބަލި ޖައްސާ ވައިރަސްއަށް ކިޔާ ނަމެވެ. އެޗްއައިވީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހަމަލާދީ، ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ވައިރަސްއެކެވެ. އެޗްއައިވީ ޖެހި، އަހަރުތަކެއްގެ ތެރޭގައި ދިފާއީ ނިޒާމު ބަލިކަށިވުމުން ބަލިތަކުން ދިފާއުވުމަށް ނުކުޅެދި، އެކި ބަލިތައް ޖެހެން ފަށައެވެ. މިހިސާބުން އެއީ އޭޑްސް ކަމަށް ބެލެވެއެވެ.
މި ބައްޔަށް މީހުން ހޭލުންތެރިކުރުވުމާއި ބަލިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ރާވާ ހިންގުމާއި ބަލި ޖެހިފައިވާ މީހުންގެ ފަރުވާގެ ކަންކަން ވިލަރެސްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ނެޝަނަލް އޭޑްސް ޕްރޮގްރާމްގެ ތެރެއިންނެވެ.
ބަލި ފެތުރޭ ގޮތްތައް
- ރައްކާތެރި ނޫންގޮތުގައި (ހުރަސް ބޭނުން ނުކޮށް) ޖިންސީ ގުޅުން ހިންގުން
- އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ބޭނުންކުރުން - މިގޮތުން ކަށިބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމުގައި، ނުވަތަ ޓެޓޫ ޖެހުން، ކަންފަތް ނުވަތަ ހަށިގަނޑުގެ އެހެން ތަނެއް ތޮރުފުން ނުވަތަ ސިއްހީ ޚިދުމަތް ހޯދުމުގެ ތެރޭގައި އެކަކު ބޭނުންކޮށްފައިވާ ކަށި ބޭނުންކުރުން
- އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން
- އެޗްއައިވީ ހުރިތޯ ބެލުމަށް ޓެސްޓް ނުކޮށް ލޭ އެޅުން
އެޗްއައިވީއަށް ޓެސްޓް ކުރުން
ބަލާބެލުމަށް ސިއްޙަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައިވެސް އެޗްއައިވީ ވައިރަސް ހުރެދާނެއެވެ. އެޗްއައިވީ ހުރިކަން ދެނެގަނެވޭނީ އެޗްއައިވީއަށް ޓެސްޓް ކޮށްގެންނެވެ. ރާއްޖޭގައި އާއްމުކޮށް މާބަނޑު ދުވަސްވަރާއި އެކި ސާޖަރީތަކުގެ ކުރިންނާއި ލޭދިނުމުގެ ކުރިން އަދި ބޭރު މަސައްކަތްތެރިންގެ މެޑިކަލްގެ ތެރޭގައި އެޗްއައިވީއަށް ޓެސްޓްކުރެއެވެ. ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައި ވެސް އެޗްއައިވީއަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އާއްމުކޮށް ހަދާ ސްކްރީނިން ޓެސްޓްގެ ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް އައިޖީއެމްއެޗްގައި ކޮންފަމޭޓަރީ ޓެސްޓް ހަދާނެއެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި މާބަނޑުކަން އެނގުމުން ފުރަތަމަ ތިން މަސް ފާއިތުވުމުގެ ކުރިން އެޗްއައިވީއަށް ޓެސްޓްކުރުން މުހިންމެވެ. މާބަނޑުވުމުން އަންހެނަކުގެ ހަށިގަނޑުގައި އެޗްއައިވީ ހުރިކަން އަވަހަށް ދެނެގަނެވި ފަރުވާ ފެށިއްޖެނަމަ ބަނޑުގައިވާ ދަރިފުޅު ބަލިން ރައްކާތެރިކުރެވެއެވެ. ރާއްޖެއަކީ މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްވުން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން 2019 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.
އެޗްއައިވީގެ ފަރުވާ
އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ތެރަޕީ (އޭއާރްޓީ)އެވެ. ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް ބަލިމީހުންނަށް އަންނަނީ ހިލޭ ފަރުވާ ދެމުންނެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭގޮތުގައި ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، ޤަވާއިދުން ބޭސް ބޭނުންކޮށްފިނަމަ، ލޭގައި އެޗްއައިވީ ވައިރަސް ހުންނަ މިންވަރު (ވައިރަލް ލޯޑް) ދަށްކުރެވެއެވެ. މީގެ ސަބަބުން ދިފާއީ ނިޒާމު ރައްކާތެރިކުރެވި، ރަނގަޅު ސިއްޙަތެއްގައި ގިނަ ދުވަހު ދެމިހުރުމަށް މަގުފައިވެއެވެ. އަދި މީގެ އިތުރުން ވައިރަލް ލޯޑް ދަށްވުމުން ބަލިމީހާގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
އޭޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާ ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "އެޗްއައިވީއިން ރައްކާތެރިވުމަށްޓަކައި ޤަވާއިދުން ޓެސްޓް ކުރުން އާދަކުރަމާ"މިއެވެ.