ހަރުދަނާ ޖީލެއް ބިނާކުރަން މައިންނާއި ކުދިންގެ ސިއްޙަތަށްދޭ ސަމަލުކަން ވަށާޖައްސަން ޖެހޭ: ނާޒިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: ވިދާޅުވީ ހަރުދަނާ ޖީލެއް ބިނާކުރަން މައިންނާއި ކުދިންގެ ސިއްޙަތަށްދޭ ސަމަލުކަން ވަށާޖައްސަން ޖެހޭކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ދުޅަހެޔޮ ހަރުދަނާ ޖީލެއް ބިނާކުރުމަށް މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ދޭ ސަމާލުކަން ވަށާޖެހޭގޮތެއްގައި ބައްޓަންކުރަން ޖެހޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނީ، "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗާ" އެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގައި މިނިސްޓަރު ވިދާޅުވީ، މި ޝިއާރުން ބާރުއަޅަނީ ދުޅަހެޔޮ ތުއްތު ކުއްޖަކު އުފަންވެ، ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިންމު ކަމަށް ކަމަށެވެ.

ދުޅަހެޔޮ މައެއްގެ ބަނޑުން ދުޅަހެޔޮ ކުއްޖަކު އުފަންވުމަކީ އާއިލާއަށާއި ގައުމަށް އެންމެ އަގުހުރި ހަދިޔާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ދުޅަހެޔޮ ހަރުދަނާ ޖީލެއް ބިނާކުރުމަށް މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ދޭ ސަމާލުކަން ވަށާޖެހޭގޮތެއްގައި ބައްޓަންކުރަން ޖެހޭކަމަށެވެ.

"މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތުމުގެ ކުރިން މައިންބަފައިންގެ ވަކިން ޚާއްސަކޮށް މައިމީހާގެ ސިއްޙީ ހާލަތު ހުރިގޮތާ ސިއްޙީ އާދަތަކަށް ސަމާލުވާން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާބަނޑުދުވަސްވަރާއި ދަރިފުޅު އުފަންވުމަށްފަހު ވެސް މައިމީހާއާއި ދަރިފުޅުގެ ސިއްހީ ކަންކަމަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. އަދި ދުޅަހެޔޮ ރައްކާތެރި މައިވަންތަކަށް ކުރިއެރުވުމަށް މަގުފަހިކުރުމާއި ދަރިމައިވުމުގައި ދިމާވާ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމާއި ދެމައިންގެ ސިއްޙަތަށް ނުރައްކާވެދާނެ ހާލަތްތަކާއި އާދަތަކުން ދުރުވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަދި ވިހެއުމަށްފަހު ވެސް މައިމީހާއާއި ތުއްތު ދަރިފުޅުގެ ސިއްޙީ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ފަރުވާތެރިވާން ޖެހޭ،" މިިސްޓަރުގެ ޚިތޯބުގައި ވިދާޅުވިއެވެ.

އޭޕްރިލް މަހުގެ ހަތްވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

comment ކޮމެންޓް