ޖަލުގައި ހިންގި އަނިޔާގެ މައުލޫމާތު ދޭން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ދީފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --

ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަނިޔާތަކާ ގުޅުން ހުރި ސިއްރު އަޑުއެހުންތަކުގައި ބަޔާންދިނުމަށް ނަން ނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ އަޑުއެހުންތަކުގައި ބަޔާން ދިނުމަށް ޓަކައި ނަން ނޯޓު ކުރުމުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ 14:00އާ ހަމައަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރުނު އިއުލާނުގައި ވަނީ ސިއްރުކޮށްގެން ބާއްވާ އެ އަޑުއެހުންތަކުގައި ބަޔާން ދޭން ބޭނުންވާ ފަރާތްތަކުން އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރަކާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި ކަމާ ގުޅޭ މައުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މައުލޫމާތު އެނގޭ ގޮތް އެ އޮފީހަށް ހިއްސާކޮށްދިނުމަށް އެދިފައެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނިގޮތުގައި އެފަދަ މައްސަލަތަކުގެ ތެރެއިން ބަޔާން ދެވޭނީ ޖަލުތަކުގައި 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17އާ ދެމެދު ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތުކައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެ ތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.

comment ކޮމެންޓް