ތ. ފުނައްޑޫގައި ހުންނަ މަސް ފެކްޓްރީ އަދިވެސް އޮޕަރޭޝަނަށް ނުގެނެވި ހުރުމަކީ ތ. އަތޮޅު މަސްވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ތ. އަތޮޅު ކައުންސިލުން މިއަދު ބުނެފިއެވެ.
ފުނައްޑޫ މަސް ފެކްޓްރީއަކީ މަސްގަނެ އެކްސްޕޯޓް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީ ތަރައްގީކުރެއްވި ތަނެކެވެ.
ތަސްމީން ވަނީ ފުނައްޑޫ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނު ނަންގަވާފައެވެ. އެ ރަށް ވިއްކާލަން ބޭންކުން އިޢުލާން ކުރީ ލޯނު ނުދެއްކުމުންނެވެ.
އޮޕަރޭޝަންތައް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް 14 އަހަރު މިހާރު ވަނީ ވެފައެވެ.
"މީގައި ދިމާވާ މައިގަނޑު މައްސަލައަކީ މުޅި މި އަތޮޅުގައި މަސް ކިރޭނެ ގޮތެއް ނެތް. އެއްވެސް ތަނަކުން މަސް ބޯޓެއް ވެސް ނާދޭ މި ހިސާބަކަށް. ދެވަނަ ކަމަކީ އައިސްކޮށްގެން ނޫނިއްޔާ މަސް ބެލެހެއްޓޭނެ ގޮތެއް ނެތް، މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަރަށް ބޮޑު،" ތ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާހު ވިދާޅުވިއެވެ.
ތ. އަތޮޅުގައި މަސްވެރިކަން ކުރާ މަސްދޯނީގެ އަދަދު 40އަށް ވުރެ އިތުރުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ފުނައްޑޫ ފެކްޓްރީ އޮޕަރޭޓު ނުކުރާތީ، އެ އަތޮޅުގެ މަސްވެރިންނަށް ތެލާއި، އައިސް ފަސޭހައިން ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
މަސް ކިރަން ދާން ޖެހެނީ ވެސް ލ. މާންދޫއަށް ކަމަށާއި މަސް ކިރައިގެން ލިބެން ޖެހޭ ފައިސާ ވެސް ލިބެނީ އެތައް ދުވަހަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެތަން އޮޕަރޭޓު ކުރީމާ އަތޮޅު ރައްޔިތުންނަށް ގިނަ ފައިދާތަކެއްވޭ އެބަ. ވަޒީފާ ލިބޭ، އައިސް ލިބޭ، ތެޔޮ ލިބޭ. ސަރުކާރަށް ފައިދާތަކެއް ހޯދުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތެއް މީގައި މުހިންމީ. އަނެއްކާ ވެސް މިނިސްޓަރާ ބައްދަލުކުރެވޭނެ ގޮތެއް ވޭތޯ އަޅުގަނޑުމެން މި އުޅެނީ. އިތުރަށް ކުރިއަށްދާނެ ގޮތެއް ނެތިފައި މި ތިބީ،" ޝަރީފް ވިދާޅުވިއެވެ.
އެ ފެކްޓްރީ ސަރުކާރަށް ގަނެ މިފްކޯގެ ދަށަށް ބަދަލުކުރީ ފެކްޓްރީގެ މަސައްކަތް އެއްވެސް މިންވަރަކަށް ނުހިނގާތީއެވެ. އެހެންކަމުން އެ ރަށުގައި ހުރި ހުރިހާ މުދަލެއް ވެސް ވަނީ މިފްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
މި އަހަރުގެ މާޗު މަހުގެ ތެރޭ ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ރައްޔިތުންގެ މަޖިލީހަށް އެ ކަމާ ގުޅޭގޮތުން ލިޔުމުން ފޮނުއްވި ޖަވާބެއްގައިވަނީ އެ ވާހަކަ ވިދާޅުވެފައެވެ.
މީގެ ކުރިން މިފްކޯއިންވަނީ މި އަހަރުގެ ތެރޭ ފުނައްޑޫއަށް މަސް ގަންނަން ފަށާނެކަމަށް ބުނެފައެވެ.
އެހެންނަމަވެސް މިނިސްޓަރު ޙުސައިން ވަނީ އެ ރަށުގެ އޮޕަރޭޝަންތައް އަލުން ފެށޭނީ އަންނަ އަހަރުގެ މޭ މަހުގައިކަމަށް ވިދާޅުވެފައެވެ.