ސިވިލް ކޯޓުން އަމުރު ކުރި ގޮތަށް މުސްއަބަށް ފައިސާއެއް ނުދިން

އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ) -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުالله އަށް, ތިން ދުވަސް ތެރޭގައި 1.1 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އިން ތަބާނުވެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ގާނޫނާ ޚިލާފަށް މުސްއަބު ވަޒީފާއިން ވަކިކުރި ނަމަވެސް އޭނާ ކުރިން ވަޒީފާއަށް އަނބުރާ އިޔާދަކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އޭނާ ކުރިން ހުރި ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާފައި ވުމެވެ.

އެހެންކަމުން ހައި ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި އޭނާއަށް 1,187,766.60ރ. ދިނުމަށެވެ.

ހައި ކޯޓުގެ ހުކުމަށް ސީއެސްސީން ތަބާވެފަ ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް މުސްއަބްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

އެގޮތުން ސީއެސްސީން ބުނެފައިވަނީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން ހުކުމް ތަންފީޒު ކުރަން މަޑުޖައްސާލަދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ލަސްކުރަން މަތީ ކޯޓަކުން އަމުރު ނުކުރާހާ ހިނދަކު އެ ހުކުމަށް ތަބާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ތިން ދުވަހުގެ ތެރޭގައި މުސްއަބަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ސިވިލް ކޯޓާ ހަވާލުކުރުމަށް ސީއެސްސީގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ނަމަވެސް ތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ސިވިލް ކޯޓުގެ އެ ހުކުމަށް ސީއެސްސީން ތަބާވެފައެއްނުވެއެވެ.

އެކަމާ ގުޅިގެން ސީއެސްސީގެ ނައިބް ރައީސް އިބްރާހިމް ރަޝީދު 'ސަން' އަށް ވިދާޅުވީ, މުސްއަބަށް 1.1 މިލިއަން ރުފިޔާ ދިނުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާނެ ކަމަށެވެ. އަދި ތިން ދުވަސް ތެރޭގައި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން މަޑު ޖައްސާލުމުގެ އަމުރެއް ނެރެދިނުމަށް ހައި ކޯޓަށް ވެސް ހުށަހަޅާފައި ވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކުރީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކުރީ 29 މެއި 2019ގަ އެވެ. އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މުސާރަ ލިބޭ ގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރިއެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސާވިސްގެ ގާނޫނާއި، ސިވިލް ސާވިސްގެ ގަވައިދާއި، ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެފައިވާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އޭނާ މަގާމުން ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑު ކުރި މުއްދަތުން ފެށިގެން ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ކުރަން ޖެހުނު ޚަރަދު ހޯދަން އޭނާ ވަނީ ސިވިލް ކޯޓުގައި ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފައެވެ.

ސިވިލް ކޯޓުން އޭރު ކުރި ހުކުމުގައި ބުނެފައި ވަނީ، ސިވިލް ސާވިސް ކޮމިޝަނުން އޭނާ މަގާމުން ވަކި ކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތު ނުވާ ކަމަށެވެ. އޭނާ މަގާމުން ވަކި ކުރީ އެކަށީގެންވާ ސަބަބުތައް ހުރެ، އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގެ ނިންމުން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން, ނިންމާފައިވަނީ މުސްއަބަށް ބަދަލު ދޭން ޖެހޭ ގޮތަށެވެ.

comment ކޮމެންޓް