އައިފޯން 15ގައި ސޮނީގެ އާ ކެމެރާ ސެންސަރު ބޭނުންކޮށްފާނެ

އެޕަލްއިން އަންނަ އަހަރު ނެރޭނެ ކަމަށް ބެލެވޭ އައިފޯން 15ގައި، ސޮނީ ކުންފުނީގެ އާ ކެމެރާ ސެންސަރު ހިމެނުން އެކަށީގެންވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ޖަޕާނުގެ "ނިކޭ އޭޝިއާ"އިން ރިޕޯޓުކުރި ގޮތުގައި ސޮނީ ކޯޕަރޭޝަންގެ ދަށުން ހިންގާ ސޮނީ ސެމީކޮންޑަކްޓާ ސޮލިއުޝަންސްއިން ވަނީ އާ އިމޭޖް ސެންސަރެއް ތަރައްގީކޮށް އެޕަލް އާއި އެހެނިހެން ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް ފޮނުވަން ފަށާފައެވެ.

އެންމެ ފަހުގެ އައިފޯނުގައި ސޮނީގެ ސެންސަރެއް ހަރުކުރުމަކީ، ހައި ޑެފިނިޝަން ފޮޓޯގްރަފީ ޓެކްނޮލޮޖީ ދާއިރާގެ ކުރީ ސަފުގައި ސޮނީއިން ހޯދާފައިވާ މަގާމު ދެމެހެއްޓުމަށް އެ ކުންފުންޏަށް މުހިންމު ކަމެއް ކަމަށް ނިކޭ އޭޝިއާ ނޫހުގައިވެއެވެ.

އެ ނޫހުގައިވާ ގޮތުން، ސޮނީގެ އާ ސެންސަރުގައި މިހާރު އާންމުކޮށް ބޭނުން ކުރާ ސެންސަރުތަކަށް ވުރެ ފުރިހަމަ ފީޗާތަކެއް ހިމަނާފައިވެއެވެ.

"ފޮޓޯ ނަގާ މީހެއްގެ ފަހަތް ކިތަންމެ އަލިގަދަކޮށް ހުއްޓަސް، މި ސެންސަރުން އެ ލައިޓް ނަގައިގަނެ، އޯވާއެކްސްޕޯޝާ ނުވަތަ އަންޑާއެކްސްޕޯޝާ ކުޑަކޮށްދޭނެ، އެއާއެކު އެ މީހާގެ މޫނު ރަނގަޅު ސާފުވާ ގޮތަށް ފޯނުން ފޮޓޯ ނެގޭނެ،" ނިކޭ އޭޝިއާއިން ރިޕޯޓުކުރިއެވެ.

އައިފޯން 15އާ ބެހޭ ގޮތުން ތަފާތު ޚަބަރުތައް ފެތުރިފައިވާ އިރު، އެއް ރިޕޯޓެއްގައިވާ ގޮތުން އައިފޯން 15 ސީރީސްގައި ހަތަރު މޮޑެލް ހިމެނޭނެއެވެ. އަދި އައިފޯން 14 ސީރީސްއިން ނުފެންނަ ތަފާތު ފީޗާތަކެއް އެ ފޯންތަކުން ފެންނާނެ ކަމަށާއި އައިފޯން 15ގެ ހުރިހާ ފޯނެއްގައި ވެސް ހުންނާނީ ޔޫއެސްބީ-ސީ ޗާޖިން ޕޯޓްތައް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް