އިންޑިއާގެ ފިލްމީ ތަރިން ބައިވެރިވާ ހަރަކާތެއް ރާއްޖޭގައި ބާއްވަނީ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ބައިވެރިވާ ޚާއްސަ ހަރަކާތެއް އިއްޔެ ރާއްޖޭގައި އިފުތިތާހުކޮށްފިއެވެ.

ޓޯނިވަލްގެ ނަން ދީފައިވާ އެ ހަރަކާތް އިފުތިތާހްކޮށްފައިވަނީ އެކަމަށްޓަކައި އިއްޔެ ޒުވާނުންގެ މަރުކަޒުގައި ބެއްވި ހަފުލާއެއްގައެވެ. އެ ހަފުލާގައި ޓޯނިވަލް އިންތިޒާމްކުރާ އިންޑިއާގެ ކުންފުނި ކަމަށްވާ އެނިޔެލްޕް އެންޓަޓެއިންމެންޓްސް އާއި ރާއްޖޭގެ ފިލްމް އެސޯސިއޭޝަނުގެ އިސް ބޭފުޅުން ބައިވެރިވިއެވެ.

އެ ހަރަކާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޓޯނިވަލްގެ އެއް ބާނީ މުޙައްމަދު ޒާކިރު ޙުސައިން ވިދާޅުވީ، ޓޯނިވަލް އަކީ ސެލެބްރިޓީން ބައިވެރިވާ ވަރަށް ޝައުގުވެރި ހަރަކާތެއްކަމަށާއި، މިއީ ދެ ގައުމެއްގެ ފިލްމީ ތަރިން ބައިވެރިވެގެން ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ ބައިނަލްއަގުވާމީ ހަރަކާތް ކަމަށެވެ.

"ޓޯނިވަލް އަކީ ސެލެބްރިޓީން ބައިވެރިވާ ހަރަކާތެއް. ޓޯނިވަލް އެކުލެވިގެންވަނީ ވަރަށް ގިނަ ހަރަކާތްތަކެއްގެ މައްޗަށް. މި ހަރަކާތުގެ ތެރެއިން ދެ ގައުމުގެ ސެލެބްރިޓީންގެ މެދުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ފުޓްބޯޅަ މެޗާއި އެނޫންވެސް ކަންކަން ކުރިއަށްދާނެ. މި ފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ފިލްމީ ދާއިރާގެ ކަންކަމާއި ސަގާފަތް އެއްބަޔަކު އަނެއްބަޔަކާ ހިއްސާކުރުން ހިމެނޭ،" ޒާކިރު ވިދާޅުވިއެވެ.

ޒާކިރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ވަރަށް ގާތް ދެ ގައުމު ކަމަށާއި، ދެ ގައުމުގެ ސަގާފަތުގައި އެއްގޮތް ކަންތައްތަކެއް ހުރުމަކީ ދެ ގައުމުގެ ގާތްކަން އިތުރުކޮށްދޭ ކަމެއްކަމަށެވެ. އަދި ޓޯނިވަލް ކަހަލަ ހަރަކާތްތައް ރާވައި ކުރިއަށްގެންދަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓޯނިވަލް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27،28 އަދި 29ގައެވެ.

ޒާކިރު ވިދާޅުވީ ޓޯނިވަލްގެ ތެރެއިން އެކްސްޕޯއެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި އެކްސްޕޯގައި އިންޑިއާގެ ތަފާތު އެކި ދާއިރާތަކުން މީހުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ތައުލީމާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން ސިއްހީ ދާއިރާގެ މީހުން ހިމެނެއެވެ.

މި އެކްސްޕޯގައި އިންޑިއާގެ ނިއުދިއްލީ، ބެންގަލޯ، މުމްބާއީ ފަދަ ސިޓީތަކުގައި ސިއްހީ ހިދުމަތްދޭ ބައެއް ތަންތަނުން ބައިވެރިވެ، ބައެއް ކަހަލަ ސިއްހީ ޕެކޭޖްތައް ދައްކާލުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޒާކިރު ވިދާޅުވިއެވެ.

ޓޯނިވަލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މި ހަރަކާތުގެ ކޯ ފައުންޑަރެއް ކަމަށްވާ ޕޫޖާ ޝްރީ ވިދާޅުވީ، އެ ހަރަކާތް ލޯންޗްކުރުން ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ޓޯނިވަލް ފެށުމުގެ ހަފުލާގައި އިންޑިއާގެ 25އަށް ވުރެ ގިނަ އާޓިސްޓުން ބައިވެރިވާން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޓޯނިވަލް ލޯންޗް ކުރުމުގެ ހަފުލާއަށް މަޝްހޫރު ލަވަކިޔުންތެރިޔާ ލަކީ އަލީގެ އިތުރުން އިންޑިއަން އައިޑަލްގެ ތަރިންނާއި، ޑާންސް އިންޑިއާ ޑާންސްގެ ތަރިންގެ އިތުރުން ދެކުނު އިންޑިއާގެ މަޝްހޫރު ފަންނާނުން ގެނައުމަށް ވަނީ ހަމަޖެހިފައި،" ޕޫޖާ ޝްރީ ވިދާޅުވިއެވެ.

މި ހަފުލާގައި ރާއްޖޭގެ އާޓިސްޓުންވެސް ފެންނާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ރާއްޖޭގެ ފިލްމް އެސޯސިއޭޝަނާ މަޝްވަރާތައް ކުރަމުންދާކަމަށް ޕޫޖާ ވިދާޅުވިއެވެ.

ފިލްމް އެސޯސިއޭޝަނުގެ ވައިސް ޗެއާޕާސަން އާމިރާ އިސްމާއީލް ވިދާޅުވީ، ޓޯނިވަލްއިން ރާއްޖޭގެ ފިލްމީ ދާއިރާއަށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނޭ ކަމަށާއި، މިއީ ފިލްމީ ދާއިރާގެ ކުރިއެރުމަށް ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ.

މިއީ ރާއްޖޭގެ ފިލްމީ ދާއިރާގެ ފަނޑުވަމުންދާ ކަންތައްތައް އަލުން އަނބުރާ ގެނައުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ މިފަދަ އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ފިލްމީ ދާއިރާއަށް ލިބިގެންދާކަމީ ޔަގީނުންވެސް މި ދާއިރާއަށް ލިބިގެންދާނޭ ކުރިއެރުމަކަށް ނޫނީ ނުވާނެ. މީގެ އިތުރުން ޓޯނިވަލް ތެރެއިން ބޭއްވިގެންދާ އެކްސްޕޯގައި އިންޑިއާގެ އެކިއެކި ދާއިރާތަކުން ބައިވެރިވާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް،" އާމިރާ ވިދާޅުވިއެވެ.

ރާއްޖޭގެ ފިލްމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެރެޓަރީ މުހައްމަދު މަނިކް ވިދާޅުވީ، އިންޑިއާގެ ކުންފުންޏަކުން މިފަދަ ފުރުސަތެއް ރާއްޖޭގެ ފިލްމީ ދާއިރާއަށް ދިނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މިއީ ރާއްޖޭގެ ފިލްމީ ދާއިރާގެ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރަކަށް ދިއުމަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މި ހަރަކާތުގެ ތެރެއިން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށާއި، ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރާ މީހުންނަށް ފުރުސަތުތަކެއް ފަހިވެގެންދާނެ. މީގެ ތެރޭގައި އެކްޓިން ދާއިރާއިންނާއި، ކެމެރާ ޓްރޭނިންގެ އިތުރުން ޑައިރެކްޓަރުންނަށްވެސް ތަމްރީނު ޕްރޮގްރާމުތައް ކުރިއަށްގެންދެވޭނެ،" މަނިކް ވިދާޅުވިއެވެ.

އެނިޔެލްޕުން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ޓޯނިވަލް ސެލެބްރިޓީ ލީގް 2022 ނަމުގައި އިންޑިއާގެ ބެންގަލޫރުގައި ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ދިވެހި ސަރުކާރާއި އްޖޭގެ ފިލްމީ ދާއިރާއަށް ވެސް ދައުވަތު ދީގެންނެވެ.

ޓޯނިވަލް ހަރަކާތުގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާ އެވެ.

comment ކޮމެންޓް