ހުއްދަނެތި އަމީތާބްގެ ނަން ބޭނުން ނުކުރެވޭނެކަމަށް ދިއްލީ ހައިކޯޓުން ނިންމައިފި

ހުއްދަނެތި އަމީތާބް ބަޗަންގެ ނަން ބޭނުން ނުކުރެވޭނެކަމަށް ދިއްލީ ހައިކޯޓުން ނިންމައިފި

ބެލުންތެރިންގެ އިޙްތިރާމާއި ލޯބި ހޯދާފައިވާ އިންޑިއާގެ މެގަ ސްޓާ އަމީތާބް ބަޗަންގެ ހުއްދައާ ނުލާ އެކްޓަރުގެ ނަން، ފޮޓޯ އަދި އެކްޓަރުގެ އަޑު ވެސް ބޭނުންނުކުރެވޭނެ ކަމަށް ދިއްލީގެ ހައިކޯޓުން ނިންމައިފިއެވެ.

ދިއްލީގެ ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ އަމީތާބްގެ ވަކީލުންގެ ޓީމުން މިމައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅި ޚާއްޞަ ޕެޓިޝަނަކާ ގުޅިގެންނެވެ. އަމީތާބުގެ ވަކީލުންގެ ޓީމުން ތުހުމަތުކޮށްފައިވާގޮތުގައި އެކްޓަރު އަމީތާބްގެ ނަމުގައި އިންޑިއާގައި ޚާއްޞަ އިނާމުތަކެއް ދޭ 'ލޮޓަރީ' އެއް ހިންގާކަމަށާއި، މި 'ލޮޓަރީ' ޕްރޮގްރާމްގައި އަމީތާބް ހޯސްޓްކުރާ ދުވަސްވީ ޝޯވް "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ ނަން ވެސް ބޭނުންކުރެއެވެ.

މީގެ އިތުރުން އަމީތާބް ބަޗަންގެ ފޮޓޯ ޕްރިންޓްކޮށްފައިވާ ޓީ-ޝާޓްތައް ވެސް ވިއްކަމުން ގެންދާކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. އަދި ''އަމީތާބް ބައްޗަން ވީޑިއޯ ކޯލް" ނަމުގައި ފޯން އެޕްލިކޭޝަންއެއް ވެސް ބަޔަކު މީހުން ހިންގަމުން އަންނަކަން އެކްޓަރުގެ ވަކީލުންގެ ޓީމުން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.

ދިއްލީ ހައިކޯޓުން އަމީތާބާ އެއްކޮޅަށް މައްސަލަ ނިމުމުން ވަކީލުންގެ ޓީމުން ބުނެފައިވަނީ، މިނިންމުމާއެކު މިފަދަ މައްސަލަތައް ދިމާވާ މަޝްހޫރު ގިނަ ބަޔަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދާނެ ކަމަށެވެ.

ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަރިންގެ އިތުރުން ވެސް މަޝްހޫރު ކާމިޔާބު އެތައް ބަޔަކަށް މިއީ ދިމާވަމުން އަންނަ މައްސަލައެއް ކަމަށް އަމީތާބްގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. ކޯޓުގެ ނިންމުމާއެކު އަމީތާބްގެ ނަން ހުއްދަނެތި ނުހަމަގޮތުގައި އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނެ ކަމަށާއި އެފަދަ ފަރާތްތަކަށް ޤާނޫނީގޮތުން ފިޔަވަޅު އަޅާނެކަމަށް އެކްޓަރުގެ ވަކީލުން ވަނީ ބުނެފައެވެ.

އަމީތާބް ފަދަ ނުފޫޒުގަދަ ފަރާތްތަކަށް އަމިއްލަ ޝަޚްޞިއްޔަތުގެ ޙައްޤު އޮންނަންވާނެ ކަމަށާއި މި ސަޤާފަތުގެ ފެށުމަކަށް އަމީތާބް ވުމަކީ އެކަމާ ސުވާލު އުފެދެން ޖެހޭކަމެއް ނޫންކަމަށް ދިއްލީ ކޯޓުގެ ޤާނޫނީ އިދާރާއިން ވަނީ ބުނެފައެވެ.

ޢުމުރުން 80 އަހަރުވެފައިވާ އެކްޓަރު އަމީތާބަކީ އިންޑިއާގެ އިތުރުން ބައިނަލް އަޤްވާމީ ފެންވަރުގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އަދި އެގޮތުގައި ދެމިހުރި އެކްޓަރެކެވެ. ޒުވާން ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް އެކްޓްކުރުމުގައި ދެމިހުރި އަމީތާބް ބުނެފައިވަނީ، އެކްޓިންގް ދާއިރާއިން އަމިއްލަ ޞިއްހަތު ތަންދޭ މިންވަރާއެކު، ފުރުޞަތު ލިބޭހާ ދުވަހަކު ފިލްމުތަކުން ފެންނާނެ ކަމަށެވެ. އެކްޓުކުރުމަށް ވަކި ޢުމުރެއް ނޯންނަކަމަށާއި ފަހުގެ ޖީލުތަކާއެކު މަސައްކަތް ކޮށްލުމުގެ ފުރުޞަތު ލިބުމަކީ އަބަދުވެސް ޝުކުރުވެރިވާނެ ކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަމީތާބްގެ އަށް ފިލްމެއް މިއަހަރު އެކަނިވެސް ރިލީޒް ކޮށްފައިވާއިރު މިމަހު 11 ވަނަ ދުވަހު ރިލީޒްވި ފިލްމު "އޫންޗާއީ"ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެކްޓަރުގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު، މިއަންނަ އަހަރު ފަސް ފިލްމީ ޕްރޮޖެކްޓެއްގައި އަމީތާބް މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް