ނައިޓްރޮޖަން މެނޭޖުކުރުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފެށި ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް (އެސްއޭއެންއެޗް)ގެ ބައްދަލުވުން އިފްތިތާހުކުރަން އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސްވަނީ އެސްއޭއެންއެޗްގެ ބައްދަލުވުން ރާއްޖޭގައި އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވެފައެވެ. އެ މި ބައްދަލުވުމަކީ ނައިޓްރޮޖެން މެނޭޖްކުރުމުގެ ކަންކަން އިލްމީ ދިރާސާގެ މައްޗަށް ކުރިއަށް ގެންދެވޭނެ މަޝްވަރާ ބައްދަލުވުންތަކެއްކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ "މޭސިވް އޯޕެން ލާނިން ކޯސް"އާއި ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް މޯލްޑިވްސްގެ ކަންޓްރީ ރިޕޯޓް ނެރެދެއްވާފައެވެ. މި ކަންޓްރީ ރިޕޯޓްގައި ރާއްޖޭގައި ނައިޓްރޮޖެންގެ ހާލަތު ހުރި ގޮތާއި މެނޭޖްމަންޓް ސްޓްރެޓެޖީތައް ހިމެނެއެވެ.
އެއާއެކު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން މި ޕްރޮގްރާމް ކުރިއަށް ގެންދާތީ ނައިބު ރައީސް އެ ކަން ފާހަގަކުރެއްވިއެވެ.
އެސްއޭއެންއެޗްގެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ އަށް ގައުމެއްގެ މަންދޫބުން ބައިވެރިވާނެއެވެ.
އެއީ އިންޑިއާާއި، ޕާކިސްތާނާއި، ބަންގްލަދޭޝާއި، އަފްޣާނިސްތާނުގެ އިތުރުން ނޭޕާލާއި ބޫޓާނާއި ސްރީލަންކާ އަދި ރާއްޖެއެވެ.