އިރުފާންގެ ދަރިއަކަށް ވީމަ ވާ ފައިދާއެއް ނެތް: ބާބިލް

އިރްފާން ޚާން އާއި ދޮށީ ދަރިފުޅު ބާބިލް ޚާން --

ބޮލީވުޑް ތަރި އިރުފާން ޚާންގެ ދަރިއަކަށް ވުމުން ލިބުނު ފައިދާއެއް ނެތް ކަމަށް އޭނާގެ ދޮށީ ދަރިފުޅު ބާބިލް ޚާން ބުނެފިއެވެ.

ކެންސަރު ބަލީގައި މިދިޔަ އަހަރު މަރުވި އިރުފާން ޚާން އަކީ ބޮލީވުޑްގެ ތަފާތު ފިލްމުތަކުން ފެނުނު ތަރިއެކެވެ. އޭނާގެ ދޮށީ ދަރިފުޅު ފިލްމީ ދާއިރާއަށް ނިކުތުމަށް ނިންމި ހިސާބުން ފެށިގެން ގިނަ ބަޔަކު ދަނީ އޭނާއަކީ ބައްޕަގެ ނަމުގެ ސަބަބުން ފިލްމީ ދާއިރާއަށް ވަދެވުނު މީހެކޭ ބުނެ ފާޑުކިޔަމުންނެވެ.

ބާބިލްގެ ފުރަތަމަ ފިލްމު 'ގަލަ'އާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ބައްޕަގެ ދަރިއަކަށް ވުމުން ފައިދާއެއް ނުވާ ކަމަށާއި އޭނާއަކީ 'ނެޕޮޓިޒަމް' ނުވަތަ އާއިލީ ގުޅުންތައް ބޭނުންކޮށްގެން ފިލްމީ ދާއިރާއަށް ވަދެފައިވާ ތަރިއެކޭ ނުބުނެވޭނެ ކަމަށެވެ.

ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބާބިލް ބުނެފައިވަނީ އޭނާއަށް އަބަދުވެސް އޭނާގެ ބައްޕަގެ މަސައްކަތާ އަޅާ ބެލޭ ކަމަށެވެ.

"އަހަރެންގެ ކޮނޑުގައި ވަރަށްބޮޑު ޒިންމާއެއް އެޅިފައި މި އޮތީ. އަހަންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް އަހަރެންނަށް ކުރެވޭ އެންމެ ފުރިހަމައަކަށް އެކަން ކޮށްދެވޭތޯ ބަލާ މީހެއް. މިއީ ދެ އަހަރު ކުރިން ޝޫޓު ކުރި ފިލްމެއް،" ބާބިލް ބުންޏެވެ.

ބާބިލް ބުނި ގޮތުގައި ކޮންމެ ކަހަލަ ހުނަރެއް ދަސްކުރި ކަމުގައިވިޔަސް އެކަން ކުރެވޭނީ ގިނަ ދުވަހުން މަސައްކަތްކޮށްގެންނެވެ.

އޭނާ އިތުރަށް ބުނީ، އިރްފާންގެ އެކްޓިން ކެރިއަރުގައި އޭނާ މަސައްކަތް ކުރީ އެވޯޑުތައް ހޯދަން ނުވަތަ ވަކި ޑައިރެކްޓަރަކާއި ވަކި ޕްރޮޑިއުސަރަކާއެކު މަސައްކަތް ކުރަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިރްފާން މަސައްކަތް ކުރީ މީހުންނާ ގުޅިގެން މަސައްކަތްކުރެވޭތޯ ކަމަށް ބާބިލް ބުންޏެވެ.

ބާބިލްގެ އައު ފިލްމު ރިލީޒް ކުރަނީ ނެޓްފްލިކްސްގައި އަންނަ ހުކުރު ދުވަހުއެވެ. މި ފިލްމުގެ އިތުރުން، ވެބް ސީރީޒް 'ދަ ރެއިލްވޭ މެން'ގައިވެސް އޭނާ ފެންނާނެއެވެ.

comment ކޮމެންޓް