ރ. ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފިއެވެ.
ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ނިންމީ އިއްޔެ ބޭއްވި އެލްޖީއޭގެ ޖަލްސާގައެވެ.
ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލުކުރުން ވަނީ މަނާކޮށްފައެވެ.
ދުވާފަރު ކައުންސިލްގެ ހިންގުން ހަވާލުކޮށްފައި ވަނީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހާއެވެ.
ދުވާފަރު ކައުންސިލްގައި މިހާރު ތިއްބަވަނީ ހަ ކައުންސިލަރުންނެވެ. އެ ކައުންސިލްގެ މެންބަރު އަހްމަދު ސަމޫހު ވަނީ އިސްތިއުފާދެއްވާފައެވެ. އޭނާގެ ބަދަލުގައި ކައުންސިލަރަކު އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން އޮންނާނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.
އެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ.
އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.