މަރުވުމުން އުކައިލައިފައިވާ ވައްލަތަކެއް މާލޭ ފަޅުތެރެެއިން ފެނިއްޖެ

ފަޅު ތެރޭ އުކައިލައިފައިވާ ވައްލަތައް -- ފޮޓޯ: އީޕީއޭ

މަރުވުމުން އުކައިލައިފައިވާ ވައްލަތަކެއް މާލޭ ފަޅު ތެރެއިން ފެނިއްޖެއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކުރި ޓްވީޓެއްގައި ވަނީ އެ ވައްލަތައް މަރުވެފައިވަނީ ގެންގުޅުނު ގޮތުގެ ސަބަބުންކަމަށް ބެލެވޭ ކަމަށެވެ.

އޮޔާ ދަނިކޮށް ފަޅު ތެރެއިން ފެނިފައިވަނީ 15 ވައްލައެވެ. އެ ދޫނިތައް އުކައިލައިފައިވަނީ މޭރީ ބްރައުން ކުރިމަތީ އޮންނަ ފަޅު ތެރެއަށެވެ.

ފަޅު ތެރޭ އުކައިލައިފައިވާ ވައްލަތައް -- ފޮޓޯ: އީޕީއޭ

އީޕީއޭއިންވަނީ އެ ކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭކަމުގައިވާނަމަ އެ އެޖެންސީއަށް އެންގުމަށް އެދިފައެވެ.

ވައްލައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

އެހެންކަމުން އެ ހިފައި ހައްޔަރުކޮށްގެން ގެންގުޅެ، އެއަށް އެއްވެސް ގެއްލުމެއް ދިނުމަކީ ގާނޫނީ ގޮތުން އަދަބު ލިބޭނެކަމެކެވެ.

މީގެ ކުރިން ވެސް ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތައް ވަގަށް ހިފައިގެން ގެންގުޅުނު ބައެއް މީހުން އީޕީއޭއިން ޖޫރިމަނާކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް