ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ހަމަލާ ދޭން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އޭނާއަށް ހަމަލާދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ ހަމަ އެދުވަހު ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ މާލޭގެ ނިރޮޅުމަގުންނެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން، އޭނާ އަކީ މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ރެކޯޑު އޮންނަ މީހެކެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖެހީ މިއަދު ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ހައްޔަރުކުރި މީހާގެ މައްޗަށް ކުށްކުރި ކަމަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ހެކިންގެ ހެކިބަހާއި ސީސީޓީވީ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބުނު އަނިޔާގެ ފޮޓޯގެ އިތުރުން އިންޓެލިޖެންސް ރިޕޯޓާއި އިންޒާރުގެ މެސެޖުތަކުގެ ސްކްރީންޝޮޓްތަކެވެ.