މެގުއާ އަށް ވޯލްޑް ކަޕުގައި ޝަރަފެއް

އިންގްލެންޑް ޓީމާއި މެންޗަސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާ

އިންގްލެންޑުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު ސައުތުގޭޓު ބުނާ މެންޗަސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ، ފީފާ ވޯލްޑް ކަޕް 2022 ގައި ވަގުތީ ޝަރަފެއް ހޯދައިފިއެވެ.

އާންމު ގޮތެއްގައި ފުޓުބޯޅަ ސަޕޯޓަރުންގެ، ހާއްސަ ގޮތެއްގައި މެންޗަސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާ ހެރީ މެގުއާ އަށް އިންގްލެންޑުގެ ވޯލްޑް ކަޕު ސްކޮޑުން ފުރުސަތު ދިނުމަށްފަހު ކޯޗު ސައުތުގޭޓު ބުނީ، މެގުއާ އަކީ ސްކޮޑުގައި އެންމެ މުހިންމު އެއް ކުޅުންތެރިއާ ކަމަށާއި، އޭނާއަށް އިތުބާރު ކުރާ ކަމަށެވެ.

މިއާއެކު އިނގިރޭސި މީޑިއާތަކުގެ ފާޑުކިޔުން ސައުތުގޭޓަށް އަމާޒުވިއެވެ. އެގޮތުން މިއީ "ފޭވަރިސަމް" ކަމަށާއި، މެގުއާ ސްކޮޑުގައި ހިމެނުނީ ސައުތުގޭޓާއި ދެމެދު ގުޅުން ރަނގަޅުވުމުން ކަމަށް އިނގިރޭސި މީޑިއާތަކުން ތުހުމަތު ކޮށްފައިވެއެވެ.

އަދި ވޯލްޑް ކަޕުގެ ސްކޮޑަށް މެގުއާ ނެގުމަށްފަހު އެ ގައުމުން އީރާން އާއި ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ފުރަތަމަ 11 ގައި މެގުއާ ހިމެނުމުންވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން މެގުއާ ދަނޑުމައްޗަށް އަރުވައިގެން ސައުތުގޭޓު ނަގަނީ ބޮޑު ރިސްކެއް ކަމަށާއި، އެކަމުގެ ނަތީޖާ ހިތިވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން ސައުތު ގޭޓު ބުނީ، އަމިއްލަ އަށް ނިންމި މި ނިންމުމާއިމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، ކަމެއް ގޯސްކޮށް ހިނގައިފި ނަމަ އެކަމުގެ ޒިންމާ ނަގާނެ ކަމަށެވެ.

ގައުމީ ސްކޮޑަށް ހެރީ މެގުއާ ނެގުމުންނާއި އޭނާއަށް މެޗުތަކުގައި ފުރަތަމަ 11 އިން ޖާގަ ދޭތީ ކިޔަމުންދާ ފަރާތްތަކަށް މެގުއާ މިވަނީ ދަނޑު މަތީގައި މޮޅު ކުޅުމެއް ދައްކާ ރައްދު ދީފައެވެ.

ވޯލްޑް ކަޕުގެ މި ފަހަރުގެ އެޑިޝަން، ފީފާ ވޯލްޑް ކަޕް 2022 ގެ "ވަގުތީ" ރެކޯޑެއް އޭނާ މިވަނީ ހަދާފައެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ގިނައިން ބޮލުން ބޯޅަ ދިފާއުކުރި (ހެޑެޑް ކްލިއަރެންސަސް) ކުޅުންތެރިއަކީ މެގުއާ އެވެ. އޭނާ ވަނީ މިހާތަނަށް މިފަހަރުގެ މުބާރާތުގައި ކުޅުނު ދެ މެޗުގައި ހަ ފަހަރަށް ބޮލުން ބޯޅަ ދިފާއު ކޮށްފައެވެ.

މިއީ ކުރިއަށް އޮތް މެޗުތަކުގައި މުގުރާލަން ފަސޭހަ ރިކޯޑަކަށް ވުމުގެ ފުރުސަތު އޮތް ނަމަވެސް، މިއީ މެގުއާގެ ކުޅަދާނަ ކަމާއި މެދު ޝައްކު ކުރާ ފަރާތްތަކަށް އޭނާ ދިން ރައްދެކެވެ.

އަދި ދެ މެޗުން އިންގްލެންޑުން ހަ ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. އެ ދެ ލަނޑުވެސް ބައިކޮޅަށް ވަދެފައި ވަނީ އިންގްލެންޑުން އީރާނާއި ދެކޮޅަށް ކުޅުނު މެޗުގައި ހެރީ މެގުއާ ބޭލި ފަހުންނެވެ. އެ މެޗުގައި މެގުއާ ބާލާފައި ވަނީ 70 ވަނަ މިނެޓުގައެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި އިންގްލެންޑާއި ޔޫއެސްއޭ ބައްދަލުކުރި މެޗު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނުއިރު މި މެޗުގައި މެގުއާ ވަނީ މުޅި މެޗު ކުޅެފައެވެ.

އުމުރުން 29 އަހަރުގެ މެގުއާ ވަނީ އިންގްލެންޑުގެ ސީނިއަރ ގައުމީ ފުޓުބޯޅަ ޓީމަށް މިހާތަނަށް 49 މެޗު ކުޅެދީފައެވެ. އަދި ހަތް ލަނޑުވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

އިންގްލެންޑުގެ ގައުމީ ފުޓުބޯޅަ ޓީމާއެކު މެގުއާ ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ 2021 ވަނަ އަހަރު ކުޅުނު 2020 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންޝިޕުގެ ރަނަރަޕް ކަން ހޯދުމެވެ.

comment ކޮމެންޓް