ވަޓްސްއެޕް ޕޯލްސް ޑެސްކްޓޮޕް އެޕްގައި ވެސް ދެން ބޭނުން ކުރެވޭނެ

ވަޓްސްއެޕްގެ ސްމާޓްފޯން އެޕްތަކުގައި މީހަކާ ނުވަތަ ބަޔަކާ ވާހަކަ ދައްކާއިރު ވޯޓެއް ނެގޭ ގޮތަށް "ޕޯލްސް" ތައާރަފު ކުރުމަށް ފަހު، މިހާރު ވަޓްސްއެޕްގެ ޑެސްކްޓޮޕް އަދި ބްރައުޒާ ވާޝަންއަށް ވެސް އެ ފީޗާ ތައާރަފުކޮށްފިއެވެ.

ވަޓްސްއެޕްއިން އެންޑްރޮއިޑް އަދި އެޕަލް އައިއޯސް ފޯނަށް ޕޯލްސް ފީޗާ ތައާރަފު ކުރީ މިދިޔަ ހަފުތާ ތެރޭގައެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ޕޯލްސްގައިވާ ގޮތަށް، ޑެސްކްޓޮޕް އަދި ބްރައުޒާ ވާޝަންގައި ވެސް ސުވާލެއްގެ ޖަވާބުގެ ގޮތުގައި 12 އޮޕްޝަން ހިމެނޭ ޕޯލްއެއް ހެދޭނެއެވެ.

'ވަޓްސްއެޕް ޕޯލްސް' އުފައްދާ ސުވާލަށް ކޮންމެ މީހަކަށްވެސް ވޯޓުލެވޭއިރު، ވޯޓްލާން ބޭނުންވާ އެއް އޮޕްޝަންއަށް ނުވަތަ ވޯޓުގައި ހިމެނޭ ހުރިހާ އޮޕްޝަންއަކަށް ވެސް ވޯޓްލެވޭނެއެވެ. ވަޓްސްއެޕް ޕޯލްސް ޕާސަނަލް ޗެޓްތަކުގެ އިތުރުން ގްރޫޕްތަކުގައިވެސް އުފެއްދޭނެއެވެ.

ޑެސްކްޓޮޕް ނުވަތަ ވެބް ޕްލެޓްފޯމްގައި ވަޓްސްއެޕް ޕޯލްސް ބޭނުން ކުރާނެ ގޮތް

ވަޓްސްއެޕް ޕޯލްސް ޑެސްކްޓޮޕްގައި ވެސް ބޭނުންކުރާނީ އެންޑްރޮއިޑް ޑިވައިސްއެއްގައި ވެސް ބޭނުންކުރާ ގޮތާ ދާދި އެއްގޮތަކަށެވެ. އެހެންކަމުން ފޯނުގައި މި ޕޯލް ބޭނުންކޮށްފައިވާ ފަރާތްތަކަށް ޑެސްކްޓޮޕްގައި ބޭނުންކުރަން ވަރަށް ފަސޭހަވާނެއެވެ.

1: ޑެސްކްޓޮޕް އެޕްގައި ނުވަތަ ބްރައުޒާގައި ވަޓްސްއެޕް ހުޅުވާލާށެވެ.

2: ގްރޫޕެއް ނުވަތަ ޕާސަނަލް ޗެޓަކަށް ވަދެ، ސްކްރީންގެ ކަނާތްފަރާތުގެ ތިރީގައިވާ އެޓޭޗްމަންޓް ބަޓަންއަށް ފިތާލާށެވެ. އެ އޮޕްޝަން ފެންނާނީ އިމޯޖީ އައިކޮން ކައިރިންނެވެ.

3: އޮޕްޝަންތަކުގެ ލިސްޓުން ފުރަތަމަ އޮޕްޝަން ކަމަށްވާ "ކްރިއޭޓް ޕޯލްސް"އަށް ފިތާލާށެވެ.

4: ޕޯލް ހެދުމުގެ ފުރުސަތު ލިބޭ ޕޮޕް އަޕް ވިންޑޯއެއް ދެން ހުޅުވޭނެއެވެ.

5: އެ ވިންޑޯގައި ފުރަތަމަ ސުވާލު ލިޔާށެވެ. ދެން ވޯޓު ދެވޭނެ ކަންތައްތައް ލިޔާށެވެ. ޖުމުލަ 12 އޮޕްޝަން އިތުރުކުރެވޭނެއެވެ. ބޭނުން ނަމަ އިމޯޖީ ވެސް ބޭނުން ކުރެވިދާނެއެވެ.

6: ސުވާލާއި ޖަވާބުތައް ލިޔެ ނިމުމުން، ކަނާތްފަރާތުގެ ތިރީގައިވާ ސެންޑް ބަޓަންއަށް ފިތާލާށެވެ.

ޕޯލް ހެދުމަށް ފަހު ކޮންމެ މީހަކަށްވެސް ވޯޓު ލެވޭނެއެވެ. އަދި ޕޯލްއަށް ޖަވާބުދީ، އެއަށް 'ރިއެކްޝަންސް' ވެސް ދެވޭނެއެވެ. ނަމަވެސް ޕޯލްއެއް އެހެން މީހަކަށް ނުވަތަ ގްރޫޕަކަށް ފޯވާޑެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް