އަލިފާނުން އަސަރުކުރި ގޭގޭގެ ޑެމޭޖް އެސެސްމެންޓް ނިމިއްޖެ، މިވަގުތު ކުރިއަށްދަނީ އަގުމަގުކުރުން

އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގެ ތަޅާލުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ގޭގޭގެ ޑެމޭޖް އެސެސްމެންޓް ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ އެހީތެރިކަމާއެކު ނިމިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނިގޮތުގައި ޑެމޭޖް އެސެސްމެންޓް ނިމި، މިވަގުތު ކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ ވަގުތީ ބޯހިޔާވަހިކަމުގައި މިވަގުތު އެއްވެސް އާއިލާއެއް ނެތްކަން ފާހަގަކުރަމުން އެ އޮތޯރިޓީން ބުނީ ހާދިސާގައި ގެއްލުން ލިބުނު ގޭބީސީތަކުގެ ތެރޭގައި މ. ވާދީގެ ހަތަރު ގޭބީސީއަކާއި މ. ސޭންޑްރޯސްގޭގެ އެއް ގޭބީސީ ހިމެނޭ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ މީގެ ތެރެއިން ފަސް ގޭބިސީއެއްގައި ކުއްޔަށް އުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެ އާއިލާތައް އެހެން ތަނެއް ކުއްޔަށް ހިފުމަށް ދެ މަހުގެ އެޑްވާންސާއި އެއް މަސްދުވަހުގެ ކުލީގެ ފައިސާ ހަމަޖައްސަދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަލިފާން ރޯވިއިރު ނިރުފެހިގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން ނުވަ މީހެއްގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ކުރަމުން އަންނަކަން ފާހަގަ ކުރަމުން އެންޑީއެމްއޭ އިން ބުނީ އޭގެ ތެރޭގައި ނަފުސާނީ އެހީތެރިކަން ވެސް ދެމުން އަންނަ ކަމަށެވެ.

ނިރުފެހީގައި ހިންގި ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން 10 މީހަކު ވަނީ މަރުވެފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ. މި އެންމެންގެ ހަށިގަނޑުތައް މިހާރު ވަނީ އެ މީހުންގެ ގައުމަށް ގެންގޮސްފައެވެ.

އަލިފާނުގެ މި ނުރައްކާތެރި ހާދިސާއަށްފަހު ނިރުފެހިގެ މިހާރު ވަނީ ސާފުކޮށް ނިންމާލާފައެވެ.

comment ކޮމެންޓް