އިގްތިސާދީ ގޮތުން ހާސިލް ކުރަން ހުރި ކަންކަން އަދިވެސް ގިނަ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖެ އިގްތިސާދީ ގޮތުން ކުރިއެރުމަށްޓަކައި ހާސިލް ކުރަން ހުރި ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމައީލް ވިދާާޅުވެއްޖެއެވެ.

"އީޔޫ-މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލް" ގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ 2019 ވަނަ އަހަރު އެންމެ ފުރަތަމަ "އީޔޫ-މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލް" ބޭއްވުނު އިރު، ކޮވިޑްގެ ބޮޑު ބިޔަ ރާޅާ ކުރިމަތިލާން ޖެހޭނެކަމުގެ ހިލަމެއްވެސް ނެތް ކަމަށެވެ. ނަމަވެސް، ކޮވިޑްގެ ބިޔަ ރާޅާއެކުވެސް މިއަދު ދިވެހި ރާއްޖެ އިގްތިސާދީ ގޮތުން ހޯދާފައިވާ ކިރުއެރުންތައް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރުގެ އިގްތިސާދީ ހާލަތު ބަދަލުވެއްޖެ. ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ރާއްޖެއަށް އައު ގޮންޖެހުން ތަކުންވެސް އަރައިގަތުމަށްވެސް މަސައްކަތްތަކެއް ކުރެވިއްޖެ،." ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ސިނާއަތްތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ފަތުރުވެރިކަމާ ގުޅޭ ގޮތުން ރާއްޖޭގެ އަމާޒުތައް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައުމަކީ އަމާޒެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ގޮތުން ފައްޔާޒް ވިދާޅުވީ ރާއްޖެއިން ކުރަމުން ދާ ދޮށީގެ މަސްވެރިކަމުގެ ބާވަތަކީ ދުނިޔޭގެވެސް އެންމެ ދެމެހެއްޓެނިވި އެއް އިގްތިސާދީ ސިނާއަތް ކަމަށެވެ.

އިގްތިސާދީ ސިނާއަތްތައް ސިންދަފާތު ކުރި ނަމަވެސް، ފަތުރުވެރިކަން ރާއްޖޭގެ އިގްތިސާދުގައި މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތީ ވަރުގަދަ ތާރީޚެއް ކަމަށާއި، އީޔޫ އަކީ އަބަދުވެސް ދިވެހި އިގްތިސާދުގެ މާކެޓް ހިއްސާ ކުރާ މުހިއްމު ހިއްސާދާރެއް ކަމަށެވެ. އަދި ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ ތަކެތީގެ ޑިޔުޓީ ފްރީ ކުުރުމަށް ނުވަތަ ޑިޔުޓީ މަދުކުރުމަށްވެސް އީޔޫ އާ އެކު މަޝްވަރާކޮށް އެކަން ހާސިލް ވާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި އެކި ސިނާއަަތްތަކުގައި އީޔޫ އިން ކުރަމުން ގެންދާ މަސައްކަތްތަކާއި ދޭ އެހީތައް ފާހަގަކޮށް އެކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"އީޔޫ-މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލް" އަކީ ބޭރުގެ ވުނޭރުންނަށް (އިންވެސްޓަރުން) ރާއްޖޭގައި ވުނަކުރުމަށް (އިންވެސްޓް) ކުރުމަށް ހުރި ފުރުސަތުތަކާއި އަދި އިގްތިސާދީ ގޮތުން ހުރި ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް ހިއްސާ ކުރުމަށް ޔޫރަޕިއަން ޔޫނިއަންއާއި އިކޮނޮމިކް މިނިސްޓްރީން ބާއްވާ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސް ޓޭބަލްގައި ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންގެ އިތުރުން އީޔޫ އިން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް