ޑިޒްނީ، އެޕަލްއަށް ވިއްކާލަނީތަ؟

މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކުރެވޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޑިޒްނީ، އެޕަލްއަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ފެތުރެން ފަށައިފިއެވެ.

މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްއަށް ޑިޒްނީ ވިއްކާލަން އުޅޭ ކަމަށް ވާހަކަތައް ފެތުރެން ފަށާފައިވަނީ ޑިޒްނީގެ ސީއީއޯ ބަދަލުވުމާއެކުގައެވެ. ޑިޒްނީގެ ސީއީއޯގެ މަގާމުގައި ފާއިތުވި ތިން އަހަރު ހުރި ބޮބް ޗަޕެކް ރިޓަޔާ ވުމާއެކު އެ މަގާމަށް މިހާރު ހަމަޖައްސާފައިވަނީ ބޮބް އައިގާއެވެ.

މީގެކުރިން އޭބީސީ ނެޓްވޯކު ހިންގެވުމުގައި މަސައްކަތް ކުރި އަދި ޑިޒްނީގެ އިސް މަގާމުތަކުގައި ވެސް މަސައްކަތް ކުރި އައިގާ ޑިޒްނީއާ އަލުން ގުޅުމާއެކު އޭނާ މަސައްކަތް ކުރަނީ މިހާރު ޑިޒްނީ ވިއްކާލަން ކަމަށް މުވައްޒަފުންގެ ތެރޭގައި ވާހަކަ ދެކެވެއެވެ.

ޑިޒްނީގެ އިންސައިޑަރެއް ބުނާގޮތުގައި ބޮބް އައިގާ މިހާރު މަސައްކަތް ކުރަނީ ޑިޒްނީ ވިއްކާލުމަށްޓަކައި އެޕަލް އަށް ހުށަހެޅުމަށެވެ.

މީގެ ކުރީން ވެސް މިފަދަ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އެގޮތުން ޑިޒްނީ އާއި އެޕަލް ގުޅުވާލައި އެއް ކުންފުންޏެއްގެ ދަށަށް ގެންދިޔުމަކީ މީގެކުރިން ދެ ކުންފުނިން ވެސް ވާހަކަދެކެވިފައިވާ ކަމެކެވެ. އައިގާ އަކީ އެޕަލް އާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އެހެންވީމާ ދެ ކުންފުނި ގުޅުވާލުމަށް މަސައްކަތް ކުރުމަށް އައިގާ ބާރު އަޅާނެ ކަމަށް އިންސައިޑަރު އިޝަރާތްކުރިއެވެ.

ޑިޒްނީ އާއި އެޕްލް ގުޅުވާލައި އެއް ކުންފުންޏަކަށް ހެދުމަށް ކުރި މަސައްކަތް މެދުކެނޑިފައިވަނީ އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް މަރުވުމާ ގުޅިގެންނެވެ.

އައިގާ މީގެކުރިން ޑިޒްނީގައި އިސްކޮށް މަސައްކަތްކުރި ދުވަސްވަރު ޑިޒްނީ އިން ވަނީ ބޮޑެތި ބްރޭންޑުތައް ގަނެފައެވެ. އޭގެތެރޭގައި ޕިކްސާ އާއި މާވެލް އާއި ލޫކަސްފިލްމް އަދި 21 ސެންޗުރީ ފޮކްސް ހިމެނެއެވެ.

comment ކޮމެންޓް