ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް އަންނަ އަހަރު އިސްތިއުފާ ދޭނެ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
މެޓާގެ ޕްލެޓްފޯމްތައް، ޚާއްޞަކޮށް ފޭސްބުކުގެ ކުރިއެރުން މަޑުޖެހި، ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ މިދަނޑިވަޅުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ވާހަކައަކީ އަންނަ އަހަރު ޒަކަބާގް މެޓާގެ ސީއީއޯ ކަމުން އިސްތިއުފާ ދޭނެ ވާހަކައެވެ.
އެގޮތުން ޒަކަބާގް އަމިއްލައަށް މަގާމުން ވަކިވާން ނިންމާފައިވާ ކަމަށާއި އޭނާ އިސްތިއުފާ ދިން ނަމަވެސް އޭނާގެ އެތައް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށްވާ މެޓަވާސްއަށް އަސަރެއް ނުކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކުގައިވެއެވެ.
ނަމަވެސް މެޓާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އެންޑީ ސްޓޯން ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ޓްވީޓެއްކޮށްފައެވެ.
މި މަހުގެ ކުރީކޮޅު މެޓާއިން ވަނީ 11،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އެއީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ 13 ޕަސެންޓެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ ވަޒީފާއަށް އިތުރު މީހުން ނެގުން މަޑުޖައްސާލަން މި އަހަރު ތެރޭ ނިންމި ނިންމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މެޓަވާސްއަށް ކުރަމުންދާ ޚަރަދުތަކާ ގުޅިގެން އިންވެސްޓަރުންނާއި ސިނާއަތުގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޒަކަބާގް ނިންމާފައި ވަނީ އޭނާގެ މެޓަވާސް މަޝްރޫއު ކުރިއަށްގެންދިޔުމަށެވެ.
މެޓާގެ އާމްދަނީ އަހަރުން އަހަރަށް ދަށްވެފައިވާއިރު، މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އާމްދަނީ ވަނީ ހަތަރު ޕަސެންޓް ދަށްވެފައެވެ. އެ ކުންފުންޏަށް ތިން ވަނަ ކުއާޓަރުގައި 4.395 ބިލިއަން ޑޮލަރުގެ ސާފު އާމްދަނީއެއް ލިބިފައިވާއިރު، އެއީ މިދިޔަ އަހަރު ލިބުނު ވަރަށް ވުރެ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުންފުންޏަށް 9.194 ބިލިއަން ޑޮލަރު ލިބުނެވެ.
މި ދަށްވުމަކީ، މެޓަވާސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި މެޓާގެ ވާޗުއަލް ރިއަލިޓީ ޑިވިޝަން ކަމަށްވާ ރިއަލިޓީ ލެބްސް އަށް ލިބުނު ގެއްލުމުގެ ސަަބަބުން މުޅި ކުންފުންޏަށް ލިބުނު ގެއްލުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ނަމަވެސް މެޓާގެ ސީއެފްއޯ ޑޭވިޑް ވެނާ ވަނީ އާމްދަނީ ދަށްވުމުގެ އެއް ސަބަބަކީ އިންފްލޭޝަން ކަމަށެވެ.
މެޓާގެ އިންވެސްޓަރުން ވަނީ އެކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކި ކުރުމަށާއި މެޓަވާސް އަށް އިންވެސްޓް ކުރުން ހުއްޓާލަން ގޮވާލާފައެވެ.