އުރީދޫ މޯލްޑިވްސް އާއި ޔުނައިޓެޑް ނޭޝަންސް ޑިވިލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން އިންތިޒާމު ކޮށްގެން ކ. ތުލުސްދޫގައި ކުރިއަށްގެންދިޔަ މި އަހަރުގެ މިޔަހެލި ކޭމްޕް ނިންމާލައިފިއެވެ.
މިއީ ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި ޒުވާނުންގެ ޚިޔާލުތައް އެއްތަނަކަށް ގެނެސް، މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ބާއްވާ ކޭމްޕެކެވެ.

މިއަހަރުގެ މިޔަހެލި ޕްރޮގްރާމްގެ ތެރެއިން
ތުލުސްދޫގައި ބޭއްވި މި ކޭމްޕުގައި 11 މަދަނީ ޖަމުއިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. އަދި ކޭމްޕު ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެންމެ މޮޅު ތިން ޚިޔާލު ހުށަހެޅި ތިން ޖަމިއްޔާއަށް އިނާމު ދީފައެވެ.
މި ކޭމްޕާ ގުޅިގެން އުރީދޫގެ ޑިރެކްޓާ ހިއުމަން ރިސޯސް، ފަޒްނާ މަންސޫރު ވިދާޅުވީ، މަދަނީ ޖަމުއިއްޔާތަކަށް ހުޅުވާލައިގެން މިފަދަ ކޭމްޕެއް ކުރިއަށްގެންދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެމީހުންގެ ޚިޔާލުތަކަށް ތާއީދުކޮށް އެ ޚިޔާލުތައް ކުރިއަރުވާ، މުޖުތަމައުގައި ހުރި މައްސަލަތަކަށް އެކަމުން ދާއިމީ ހައްލެއް ހޯދަން މި ކޭމްޕު މެދުވެރިކޮށް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މިޔަހެލި ޕްރޮގްރާމްގެ ތެރެއިން
"މޮޅުވި ހުރިހާ ޓީމުތަކަކަށް މަރުހަބާ. މި ޕްރޮޖެކްޓްތަކުގައި ހަގީގީ ކުލަ ޖެހޭ މަންޒަރު ފެންނާނެކަމަށް އުންމީދުކުރަން،" ކޭމްޕުގެ ބައިވެރިންނާ މުޚާތަބުކޮށް އޭނާ ވިދާޅުވިއެވެ.
މިޔަހެލި ކޭމްޕުގެ މަގުސަދަކީ މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ވާހަކަދައްކާ، މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތަކަށް ޒުވާނުންނަސް އެއްބާރުލުން ދިނުމެވެ. މިއީ 2016ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރިއަށްގެންދާ ކޭމްޕެކެވެ.