ޝައްފާނުގެ ގާތިލުންގެ އިސްތިއުނާފް ހައި ކޯޓުގައި ފަށައިފި

ޝައްފާނު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ ހަތަރު މީހުން ---

ތޫނު އެއްޗަކުން ހަމަލާދީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އުމުރުން 14 އަހަރުގެ އިސްމާއީލް ޝައްފާން މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހުންގެ އިސްތިއުނާފް ހައި ކޯޓުގައި ފަށައިފިއެވެ.

އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އުފިލީ ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އާއި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމަށް އެހީތެރިވި ކަމުގެ ދައުވާ އުފިލީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު، ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހުގެ މައްޗަށެވެ.

އެ ހަތަރު މީހުންނަށް ވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާތިލުންގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައެވެ. އަދި ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަކީލުން ވަނީ އެ ނުކުތާތަކަށް ރައްދު ދެއްވާފައެވެ.

އެ މައްސަލައިގައި ދަށު ކޯޓުން ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ ބުނެފައެވެ. އަދި މައްސަލަ ރައްދުވާ ފަރާތުންނާއި ހުށަހެޅި ފަރާތުން އެއްވެސް ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުމެވެ.

ޝައްފާނަށް ހަމަލާދީ މަރާލައިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ސަބްދޭރިޔާ މަގު، ގ. ރޯޒީގެ ކައިރީގައި ހުއްޓައެވެ. އޭނާއަށް ހަމަލާދީފައި ވަނީ އެރޭ މެންދަމު 2:00 ހާއިރުއެވެ.

އޭނާއަށް ހަމަލާ ދިންތާ ފަސް ވަރަަކަށް މިނިޓުތެރޭ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް