މި އަހަރު ގާލް ގައިޑްގެ އެންމެ ޝަރަފުވެރި ބެޖު ޔުމްނާއަށް

"ޕްރެޒިޑެންޓްސް ބެޖް" ގައިޑްގެ ފާތިމަތު ޔުމްނާ އާތިފަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ، ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފުވެރި ބެޖް ކަމަށްވާ "ޕްރެޒިޑެންޓްސް ބެޖް"، ގައިޑްގެ ފާތިމަތު ޔުމްނާ އާތިފަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ބެޖު ހަވާލުކުރީ މިއަދު ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީގެ އިތުރުން ޗީފް ކޮމިޝަނަރު ނިއުމަތު ޝަފީގު ބައިވެރިވެލެއްވިއެވެ.

ރައީސް ވަނީ ޔުމްނާއަށް މަރުޙަބާ ވިދާޅުވެ ބެޖް ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތައުރީފް ކުރައްވާފައެވެ. އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގައި ހިންގާ ވަރަށް މުހިންމު، ބޭނުންތެރި ހަރަކާތެއްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ޔުމްނާ ވަނީ އެ ބެޖުގެ އިތުރުން، ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފައެވެ.

ޕްރެޒިޑެންޓްސް ބެޖަކީ 1998ވަނަ އަހަރު ތައާރަފުކުރި ބެޖެކެވެ. ޔުމްނާއަކީ ބެޖު ހާސިލްކުރި 14ވަނަ ގާލްގައިޑެވެ.

ޔުމްނާއަކީ ބ. އަތޮޅު ތައުލީމީ މަރުކަޒަށް ނިސްބަތްވާ ގައިޑެކެވެ. އެހެންކަމުން އޭނާއަކީ އަތޮޅު ތެރޭގެ ސްކޫލަކުން ބެޖު ހާސިލްކުރި ފުރަތަމަ ގާލްގައިޑެވެ.

comment ކޮމެންޓް