ދިވެހި ދައުލަތުގެ ރިޒާވްގައި މިވަގުތު ހުރި މިންވަރު ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއަށް މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރެވޭ މިންވަރަށް ރާއްޖޭގައި މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި، ކުރިއަށް އޮތް އަހަރަށް ވާވަރަށް ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ކާޑުގެބާވަތްތަކާއި، ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުގެ މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދެއްވުމަށް އެދިފައިވެއެވެ. މީގެއިތުރުން މެމްބަރު ވަނީ މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ރާއްޖޭގެ ފޮރިން ރިޒާވް ހުރިމިންވަރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން ހޯއްދަވައި ދިނުމަށްވެސް އެދިވަޑައިގެންފައެވެ.
މެމްބަރު ފޮނުއްވި ސިޓީގެ ޖަވާބުގައި މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްމީ ރިޒާވްގައި ފައިސާ ހުރި މިންވަރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެއަދަދު ހާމަކޮށްދެއްވާނެ ކަމަށެވެ.
ކަންދިމާކުރި ގޮތުން އެ އަދަދު އަޅުގަނޑަށް އެނގޭ. އެހެންވީމާ އިއްޒަތްތެރި މެންބަރު އަރިހުގައި ދެންނެވިދާނެ. ނޫން ނަމަ އިއްޒަތްތެރި މެމްބަރު ވިދާޅުވެފައި ވާތީވެ އަނެއްކާވެސް ސިޓީއެއް އެމްއެމްއޭ ގަވަރުނަރަށް ލިޔުމަށް ފަހުގައި އެ އަދަދު އިއްޒަތްތެރި މެމްބަރަށް ދެއްވި ދާނެ. ނޫން ނަމަ އިއްޒަތްތެރި މެމްބަރަށް ކިޔާދެވިދާނެ ގްރޮސް ރިޒާވުން ޔޫސަބަލް ހިސާބު ޖަހާ ގޮތް. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ގްރޮސް ރިޒާވްގައި ހުންނަ މިންވަރަކީ ދައުލަތުން އާންމުކޮށް ޝާއިއު ކުރާ މައުލޫމާތެކެވެ. ނަމަވެސް ކޭޝްފްލޯ އަދި ޔޫސަބަލް ރިޒާވް އާންމު ނުކުރެއެވެ.
ރާއްޖޭގެ މާލީ ހާލަތާގުޅޭގޮތުން މިއަދާ ހަމައަށް، ޞައްހަ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ނުދާތީވެ، ރައްޔިތުންގެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަން އާދަމް ޝަރީފުގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުންދާތީ، އަސާސީ ކަންކަމަށް ބޭނުންވާ ތަކެއްޗާއި ކާޑާއި ތެޔޮ އެތެރެކުރުމަށް ބޭނުންވާ މިންވަރަށް މާލީ ތަނަވަސްކަން ރާއްޖޭގައި ނެތުމުގެ ކަންބޮޑުވުން، ރައްޔިތުންގެ ތެރޭގައި އެބައޮތްކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ނަޝީދު ވަނީ މެމްބަރު އެދިވަދައިގެންނެވި މައުލޫމާތު އޮޅުންފިއްލުވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.