ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް: ޝިމާޒް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ--- ފޮޓޯ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް، މަގުމަތިން ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝިމާޒް ވިދާޅުވީ، އެކަން ކުރުމުގެ ކުރިން އެކި ގޮތްގޮތުން އެތައް އިންޒާރެއް ދީފައިވާއިރު، ފުލުހުން އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި އެކަން ކުރި ފަރާތްތަކާއި އަދި އެ ހަމަލާ ދިނުމުގެ އަޑީގަ ތިބި ފަރާތްތައް ވީހާ ވެސް އަވަހަކަށް ހޯދުމަށް އެދޭ ކަމަށެވެ.

ޝިމާޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް އައްޔަނުކޮށްފަ ވަނީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.

އެ މިނިސްޓްރީ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖައިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ އަތެއްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ތުހުމަތު ކުރައްވާފައެވެ.

މި މައްސަލައިގައި ޝިމާޒް މަގާމުން ވަކިކޮށްދޭން އެދި ނަހުލާ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދާދިފަހުން ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ނަހުލާ ވިދާޅުވެފައި ވަނީ ޝިމާޒާ ބެހޭގޮތުން ކޮރަޕްޝަންގެ ވަރަށް ސީރިއަސް މައްސަލަތަކެއް ތިލަވެފައިވާ ކަމަށާއި މިނިސްޓްރީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގަ ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްދޭން ރައީސްގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ. ނަހުލާގެ ސިޓީއާ ގުޅިގެން ރައީސް އަދި ވަކި ގޮތެއް ނުނިންމަވައެވެ.

ޝިމާޒަށް އިންޒާރުދީ، އޭނާގެ ސައިކަލަށް ބަޔަކު ގެއްލުންދިން މައްސަލައެއް ދާދި ފަހުން ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ. އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ޝިމާޒަށް އިންޒާރުދީ ސައިކަލްގެ މަޑި ކަފާލި މައްސަލަ، ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޝިމާޒަށް ހަމަލާދިން މައްސަލައާއި މިނިސްޓަރު ނަހުލާ އާ ގުޅުމެއް އޮތް ކަމަށް އަޑުފެތުރިފައިވާއިރު، ޖުމްހޫރީ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.

https://sun.mv/170592

އެ ހަމަލާއާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ، ޝިމާޒްއަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި، އަބުރު ކަތިލުމަށް މަސައްކަތް ކުރި ނަމަވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި، މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް އެކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލުމުގެ ހުތުރު އަމަލުތަކެއް ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް