ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދިތާ ދެ ހަފުތާ ވެގެން ދިޔައިރު އޭގެ ނަތީޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދިވެސް ފުލުހުން ނުދޭ ކަމަށް، އަބްދުﷲ ރަޝީދުގެ އާއިލާއިން މިއަދު ބުނެފިއެވެ.
"ސަން"އާ ވާހަކަދައްކަމުން އަބްދުﷲ ރަޝީދުގެ ބޮޑުބޭބެ މުހައްމަދު ޝަރީފް ބުނީ ޕޯސްޓުމޯޓަމްގެ ވަގުތީ ނަތީޖާއަކީ ހަށިގަނޑު ލިބޭއިރު ވަގުތުން ލިބޭ އެއްޗެއްކަމަށް އޭރު ފުލުހުން ބުނިކަމަށެވެ.
އެހެންނަމަވެސް ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަަދައި، އޭގެ ފަހުން މިހާރު ދެ ހަފުތާ ވެފައިވާއިރު ވެސް އަދިވެސް ނަތީޖާ ފުލުހުން ހިއްސާ ނުކުރާ ކަމަށް ޝަރީފް ބުންޏެވެ.
"އަޅުގަނޑުމެން މި ތިބީ މި މަރުގެ ހަގީގަތެއް ނޭނގިފައި. އަޅުގަނޑުމެންގެ ނުރުހުމުގައި، ދައުލަތުން ބޮޑު ޚަރަދެއްކޮށްގެން ޕޯސްޓްމޯޓަމް ހެދިއިރު އޭގެ ވަގުތީ ނަތީޖާ ހިއްސާނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ސުވާލަކީ. ފުލުހުން ބުނީ ވަގުތީ ނަތީޖާ ހަށިގަނޑާއެކު ލިބޭނެކަމަށް. އެކަމަކު އަސްލު ރިޕޯޓު ލިބެން ފަސް ވަރަކަށް މަސް ނަގައިފާނެކަމަށް،" ޝަރީފް ބުންޏެވެ.
މީގެ އިތުރުން އޭނާ ވަނީ އަބްދުﷲ ރަޝީދުގެ އާއިލާއަށް ދައުލަތުގެ އެހީތެރިކަން ނުލިބޭތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެެވެ. އެގޮތުން 18 އަހަރުނުވާ ކުޑަ ތިން ކުދިން ތިބިކަން ފާހަގަކުރަމުން އޭނާ ވަނީ ކަމާ ބެހޭ މުއައްސަސާއަކުން ވެސް އެހީތެރިކަމެއް ނުލިބޭކަމަށް ބުނެފައެވެ.
ޝަރީފް ވަނީ އާއިލާއަށް އިންސާފު ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނެފައެވެ. އަދި އެ މަރުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ގަބޫލުކުރާކަމަށް ތަކުރާރުކޮށް ބުނެފައެވެ.
އަބްދުﷲ ރަޝީދު މިދިޔަ މަހުގެ 25 ވަނަ ދުވަހު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާއިން ބުނެއެވެ.