ހދ. ކުރިނބީގެ ތަރައްގީއަށް ބޭނުންވާނޭ ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް، ހދ. ކުރިނބީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްގީއަށް މިހާރު ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސަށް ދަންނަވާފައެވެ.
މީގެ އިތުރުން ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑްޔޫސް ޕްލޭންގެ މައުލޫމާތު ކައުންސިލުން ވަނީ ރައީސާ ހިއްސާކޮށްފައެވެ.
ކުރިނބީ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން ހިމެނެއެވެ.

ރައީސް، ހދ. ކުރިނބީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެދުނު ކަންކަމުގެ ތެރެއިން, ކައުންސިލް އިދާރާގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ބަނދަރުގެ ސައިޒް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާތީ އެކަމުގައި ހޯދޭނެ ހައްލަކާ ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތާއެކު ކުރިއަށް ގެންދެވޭނެ ގޮތެއް ބައްލަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ކުރިނބީ ކައުންސިލުން ވަނީ، އެރަށުގެ ތަރައްގީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދީފައި ވަނީ މި ސަރުކާރުންކަން ފާހަގަކޮށްފައެވެ. އަދި ރައީސާ ބައްދަލުވުމުން ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.