ކޮންމެ ކުއްޖަކީ ވެސް ގާބިލު ކުއްޖެއްކަން އެ ކުދިންނަށް އަންގައިދޭންޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރައްވައި އެ މަދަރުސާގެ ކުދިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ ކުޑަކުއްޖަކަށް ވެސް އެ ކުދިންނަކީ ގާބިލު ބައެއްކަން އަންގައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މުޖުތަމައުގައި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ދީ، އެކި ކަންކަމުގައި އެ ކުދިން ޝާމިލު ކުރުމަކީ މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން އެކުދިން ރައްކާތެރިކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކުދިންނަކީ ގާބިލް ބައެއްކަން އަންގައިދޭން ޖެހޭ ކަމަށާއި އެ ކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ވެސް މުޖުތަމައުގެ ވާޖިބެއް ކަމަށެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް އެހެން ވިދާޅުވެފައިވާއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން މިއަދު މަސައްކަތް ކުރަންޖެހިފައިވާ ކަމަށް އެމަނިކުފާނު ދާދިފަހުން ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާކަން ރައީސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. ނަމަވެސް ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

comment ކޮމެންޓް