އިންތިޚާބުގެ ނަތީޖާއާއެކު މެލޭޝިއާގެ ބޮޑުވަޒީރުކަން އަންވަރު އިބްރާހީމަށް ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ

މެލޭޝިއާގެ އިދިކޮޅު އަންވަރު އިބްރާހީމް

ކުއާލަލަންޕޫރު (20 ނޮވެމްބަރު 2022) : މެލޭޝިއާގައި ބޭއްވި އާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަދި ކޯލިޝަންއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުނު ނަމަވެސް ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ގެ ކޯލިޝަންއާއި އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރިކަން އިއުލާނުކޮށްފިއެވެ.

މިދެ ކޯލިޝަނުގެ ތެރެއިން ކޮންމެ ކޯލިޝަނަކުންވެސް ބުނިގޮތުގައި އިންތިޚާބު ކާމިޔާބުކުރީ އެކޯލިޝަނުންނެވެ. މުހްޔިއްދީން ޔާސީން ގެ ކޯލިޝަންއަކީ ނެޝަނަލް އެލަޔަންސްއެވެ. އަންވަރު އިބްރާހީމްގެ ކޯލިޝަނަކީ ހޮޕްޕެކްޓް ކޯލިޝަންއެވެ. މިދެކޯލިޝަނުންވެސް އިއުލާނުކުރި ގޮތުގައި އެދެކޯލިޝަންވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.

މެލޭޝިއާގެ އިންތިޚާބުތަކާބެހޭ އިދާރާއިން ނެރެފައިވާ ނަތީޖާއަށް ބަލާއިރު އެއްވެސް ޕާޓީއަކަށް އަދި ކޯލިޝަންއަކަށްވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގޮނޑި ލިބިފައެއް ނުވެއެވެ. އަޣްލަބިއްޔަތު ނުލިބުނު ނަމަވެސް އެންމެ ގިނަ ގޮނޑި ލިބިފައިވަނީ އަންވަރު އިބްރާހީމްގެ ހޮޕްޕެކްޓް ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށެވެ. އެކޯލިޝަނަކަށް 85 ގޮނޑިލިބިފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މުހްޔިއްދީން ޔާސީން ގެ ނެޝަނަލް އެލަޔަންސްގައި ހިމެނޭ ޕާޓީތަކަށެވެ. އެކޯލިޝަނަށް 77 ގޮނޑި ލިބިފައިވެއެވެ. ތިންވަނަ އަށް އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މެލޭޝިއާގައި މިހާރު ވެރިކަންކުރާ އަދި އެގައުމުގެ އެންމެ ބޮޑު ޕާޓީކަމަށްވާ އަމްނޯ އަށެވެ. އެޕާޓީއަށް ލިބިފައިވަނީ 25 ގޮނޑިއެވެ. ދެންހުރި ގޮނޑިތައް ލިބިފައިވަނީ އެހެން ޕާޓީތަކަށެވެ. މީގެތެރޭގައި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރުގެ ޕާޓީވެސް ހިމެނެއެވެ.

މެލޭޝިއާގެ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ދެވަން ރަކްޔަތް ގައި 222 ގޮނޑި ހިމެނޭއިރު މަތިގެކަމަށްވާ ދެވަން ނެގާރާގައި ހިމެނެނީ 70 ގޮނޑިއެވެ. މެލޭޝިއާގައި އޮންނަނީ އިނގިރޭސިވިލާތުގައި އޮންނަ ބާވަތުގެ ވެސްޓްމިނިސްޓަރ ސްޓައިލްގެ ޕާލަމެންޓްރީ ނިޒާމެކެވެ. އާންމު އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ދެވަން ރަކްޔަތް ގައި ހިމެނޭ 222 ގޮނޑީގެ ތެރެއިން މަދުވެގެން 112 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ބޮޑޫވަޒީރުކަމަށް ފައި ނަންގަވައިގެން އުޅުއްވާތާ 25 ވަރަކަށް އަހަރުވެފައިވާ އަންވަރު އިބްރާހީމް ވިދާޅުވިގޮތުގައި އެހެން ޕާޓީތަކުގެ ތާއީދާއެކު އޭނާގެ ކޯލިޝަނަށް 112 ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން މިފަހަރު އެބައޮތެވެ. މުހްޔިއްދީން ޔާސީން ވެސް ވިދާޅުވަނީ އެހެން ޕާޓީތަކުގެ ތާއީދާއެކު އޭނާގެ ކޯލިޝަނަށްވެސް 112 ގޮނޑި ލިބޭނެކަމުގެ ޔަގީންކަން އޮތްކަމުގައެވެ. ނަމަވެސް ތާއީދު ލިބޭނެ ޕާޓީތަކުގެ ނަންތައް ދެބޭފުޅުންވެސް ހާމައެއް ނުކުރައްވައެވެ.

އެއްކޯލިޝަނަށް ބަލާއިރު އެންމެ ގިނަ ގޮނޑި ހޯދީ އަންވަރުގެ ކޯލިޝަނުން ކަމަށްވާތީ އިތުރު ފަރާތްތަކާ ބައިވެރިވެގެން ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު މިފަހަރު ލިބޭނެކަމަށް ބެލެވެނީ އަންވަރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް