މެލޭޝިއާގެ ރަސްގެފާނާއި ބޮޑު ވަޒީރަށް ހަމަލާދޭން ރޭވި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ދާހިލީ ވަޒީރު ސައިފުއްދީން ނެސިއުޝަން އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސައިފުއްދީން ނެސިއުޝަން އިސްމާއީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ މީހުން ހައްޔަރުކުރީ މިދިޔަ ހަފުތާ ބަންދުގައި އެ ގައުމުގެ އެކި ހިސާބުތަކުން ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ދެ އަންހެނުން ކަމަށާއި އޭގެތެރޭގައި ކިޔަވައިގެން ތިބި ޕްރޮފެޝަރުންނާއި، ވަޒީފާ އަދާނުކުރާ މީހުންވެސް ތިބި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ރަސްގެފާނާއި ބޮޑުވަޒީރާއި ސަރުކާރު އިސް އެކި މަގާމުތަކުގެ ބޭފުޅުންނަށް އެކި ކަހަލަ އިންޒާރު ވަނީ ލިބިފައެވެ.
މެލޭޝިއާގެ ޖޯހަރް ސްޓޭޓްގައި މިދިޔަ މާޗް މަހުވެސް ވަނީ އަލްގައިދާއާ ގުޅުން އޮންނަ މީހަކު، ވަޅިން ހަމަލާދީ ފުލުހުންގެ ދެ އޮފިސަރަކު މަރައިލައިފައެވެ. ފުލުހުން ބުނީ ހަމަލާދިން މީހާ އެއް ފުލުހުންގެ ކަރުގައި ވަޅިން ޖަހައި މަރާލުމަށް ފަހު އެ ފުލުސް މީހާގެ ބަޑި އަތުލައިގަނެ އެހެން ފުލުހަކަށް ހަމަލާދީ މަރާލީ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުންނަކީ ޖެމާހު އިސްލާމިއްޔާ (ޖީއައި) އާއި ގުޅުން އޮންނަ ބައެކެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ ޖީއައި ގެ މައްޗަށް އުފުލައިފައިވެއެވެ. އޭގެތެރޭގައި 2002 ވަނަ އަހަރު އިންޑޮނޭޝިއާގެ ބާލީގައި ދިން ބޮމުގެ ހަމަލާވެސް ހިމެނެއެވެ. އެ ހަމަލާގައި 202 މީހުން ވަނީ މަރުވެފައެވެ.