މާލޭ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރަ އަންނަ އަންގާރަ ދުވަހު އަލިވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، އެހެން ނަމަވެސް، އަތޮޅުތެރޭގެ ރަށްރަށަށް ވިއްސާރަވާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ކުޑަކޮށް ރަނގަޅުވި ނަމަވެސް ދެކުނަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.
"އަވަހަކަށް މުޅި ރާއްޖެއަށް މޫސުން މުޅިން ރަނގަޅުވާނެ ކަމަކަށް ލަފައެއް ނުކުރެވޭ،" މެޓް އޮފީހުން ބުންޏެވެ.
ކުރިއަށްއޮތް 24ގަޑިއިރުތެރޭ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މިއަދު ހެނދުނުން ފެށިގެން ހަވީރަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަންނަ މަހު ކުރީކޮޅު އިރުވައި މޫސުން ފެށޭއިރު ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ވިއްސާރަ ކުރެއެވެ. އަދި މިއަހަރަކީ ވަރަށް ބޮޑަށް ވިއްސާރަ ކުރި އަހަރެކެވެ.