ގުދަން ނިމުނީ، އެކަމަކު ޑާކްރެއިން ކްރޮނިކަލްސް އެބައޮތް!

ބައިސްކޯފުގެ ގުދަން ވެބް ޝޯގެ ޕޯސްޓަރެއް

އޯކޭޒް ޕްރޮޑަކްޝަނާއި ބައިސްކޯފު ގުޅިގެން ދައްކަމުން އަންނަ ވެބް ޝޯ "ގުދަން"ގެ ފަހު އެޕިސޯޑް ދައްކައިފިއެވެ.

ރާއްޖޭގެ މާހައުލަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ޝޯ ދައްކަން ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 21ގައެވެ. އެއަށްފަހު ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެޕިސޯޑެއް ދައްކަމުން އައިސް މިދިޔަ އާދިއްތަ ދުވަހު ޝޯގެ ފިނާލޭ ވަނީ ދައްކައިފައެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

ޖުމްލަ 12 އެޕިސޯޑުގެ ގުދަން ވެބް ޝޯއަކީ މުހައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ޝޯއެކެވެ. މަހްދީ އަހުމަދު ސްކްރީންޕްލޭ ތައްޔާރުކުރި މި ޝޯ ޑިޒައިންކޮށްފައިވަނީ ތުރިލާ އަދި މިސްޓްރީ ޖޯންރާއަށެވެ.

އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓުކުރި މި ޝޯގެ މުހިންމު ރޯލުތަކުގެ ތެރޭގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެކްޓަރުން ހިމެނެއެވެ. އޭގެތެރޭގައި ރަވީ ފާރޫގުގެ މުހިންމު ރޯލެއް ޝޯގައި ހިމެނެއެވެ.

ޝޯ ނިމުނު ނަމަވެސް ބައިސްކޯފު ބަލާ މީހުން ހާސްވާކަށް ނުޖެހެއެވެ. އެއީ ބައިސްކޯފުން މިހާރު ވެސް އާ ކޮންޓެންޓުތައް ދައްކަމުން އަންނާތީއެވެ.

އެގޮތުން ބައިސްކޯފުން މިހާރު ވަނީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެންތޯލޮޖީ ޝޯ "ޑާކްރެއިން ކްރޮނިކަލްސް" ދައްކަން ފަށާފައެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

އަހުމަދު ތޮލާލުގެ ސްކްރީން ޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ޝޯގެ ވާހަކަ ބިނާވެފައިވަނީ އެކި ކަހަލަ ސައިކޮލޮޖިކަލް ތުރިލާގެ ރަހަތަކަށެވެ. ޖުމްލަ ހަ އެޕިސޯޑުގެ މި ޝޯގައި ހިމެނެނީ "ނޮސްޓާލްޖިއާ"، "ފުރޭތަ"، "އައްސަލާމް އަލައިކުމް"، "ސަޕްރައިޒް"، "ރަންކޮޅާ" އަދި "ޕާޓީ" އެވެ.

ޑާކްރެއިން ކްރޮނިކަލްސްގެ ދަށުން މިހާރު ވަނީ "އައްސަލާމް އަލައިކުމް" ރިލީޒްކޮށްފައެވެ. މި އެޕިސޯޑު މިހާރު ބައިސްކޯފުން ސްޓްރީމް ކުރެވޭނެއެވެ.

މި އެންތޮލޮޖީގެ ކޮންމެ އެޕިސޯޑަކުން ވެސް ތަފާތު ކާސްޓެއް ފެންނާނެއެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ތަރިންނާއި އާ މޫނުތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޑާކް ރެއިންގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ މަރިޔަމް މަޖުދާ (މަޖޫ) އާއި އާދަމް ރިޒްވީ (ރެކްސް) އާއި އަހުމަދު ޝާކިރުގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ އެކްޓަރު އަހުމަދު ޝާރިފު ފެނިގެންދާނެ އެވެ.

comment ކޮމެންޓް