ކޮމެޑީ ފިލްމު ''ގޯވިންދާ ނާމް މެރާ'' ރިލީޒްކުރާނީ ހޮޓް ސްޓާގައި

ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ ކޮމެޑީ ތްރިލާ "ގޯވިންދާ ނާމް މެރާ" ރިލީޒްކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގައިކަމަށް އެކުންފުނިން ބުނެފިއެވެ.

އެކްޓަރު ވިކީ ކޯޝަލް، ބަތަލާ ކިއާރާ އަދްވާނީ އަދި ބުމީކާ ޕެޑްނެކަރު މުހިންމު ރޯލްއިން ފެނިގެންދާ މިފިލްމު ހޮޓްސްޓާގައި ރިލީޒްކުރާނެކަން ޕްރޮޑިއުސަރު ކަރަން ޖޯހަރުވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެކްޓަރު ވިކީ ކޯޝަލްއާއެކު ކަރަން ފެނިގެންދާ ވީޑިއޯއެއް އަމިއްލަ އިންސްޓަގްރާމްގައި ޕޯސްޓްކުރަމުން ކަރަން ލިޔެފައިވަނީ، ހެއްވާ މަޖާ ވިކީ ބެލުންތެރިންނާ ބައްދަލުކުރުމަށް މެދުވެރިޔަކު ހޯދައިފި ކަމަށެވެ. އަދި މި ދަތުރު ބެލުންތެރިން ކޮންމެހެން ވެސް ވިކީއާއެކު ތަޖުރިބާކޮށްލަންވާނެކަމަށް ކަރަންގެ މެސެޖުގައި ވަނީ ލިޔެފައެވެ.

ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ޝަޝާންކް ޚައިތަން ބުނެފައިވަނީ، ހުނަރުވެރި ތަރިންތަކަކާއެކު ހެއްވާ މަޖާ ދުވަސްތަކެއް ފިލްމު ސެޓުގައި ހޭދަކުރެވުނު ކަމަށެވެ. މި ފިލްމަކީ ޢާއިލާއާއެކު ބަލާލެވޭނެ ސަސްޕެންސް ވަރުގަދަ ފިލްމެއްކަމަށް ޝަޝާންކް ވަނީ ފާހަގަކޮށްފައެވެ. އަދި ފިލްމު ހޮޓް ސްޓާގައި ޕްރިމިއާކުރުމުން ގިނަ ބަޔަކަށް ގޭގައިތިބެގެން ފިލްމު ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ހުނަރުވެރި ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ޝަޝަންކް ޚައިތަން މިހާތަނަށް ގެނެސްދީފައިވާ ފިލްމުތަކަކީ ޒުވާނުންގެތެރޭގައި ވަރަށް މަޤުބޫލު ފިލްމުތަކެކެވެ. އޭގެތެރޭގައި، ފިލްމު "ދަޅަކް"، "ބަދްރީ ނާތްކީ ދުލްހަނިޔާ" އަދި ފިލްމު "ގުޑް ނިވްސް" ހިމެނެއެވެ.

މީގެ ކުރިން ވެސް ކަރަންގެ ދަރްމާއިން އުފެއްދި ގިނަ ފިލްމުތަކެއް ހޮޓްސްޓާ މެދުވެރިކޮށް ވަނީ ރިލީޒްކޮށްފައެވެ. އެގޮތުން އެންމެފަހުން ހޮޓް ސްޓާގައި ރިލީޒްކޮށްފައިވަނީ ދާދިފަހުން ސިނަމާގައި ރިލީޒްކުރި ފިލްމު "ލައިގާ"އެވެ.

ފިލްމު "ގޯވިންދާ ނާމް މެރާ" ހޮޓް ސްޓާގައި ރިލީޒްކުރުމަށް ނިންމާފައިވީނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

comment ކޮމެންޓް